ރަޝިޔާއިން އަނެއްކާވެސް ގިނަ އަދަދެއްގެ ކޮވިޑް ކޭސްތަކެއް ރިޕޯޓުކޮށްފި އެވެ.
އެގައުމުން މެއި މަހަށްފަހު ފުރަތަމަ ފަހަރަށް އަނެއްކާވެސް ގިނަ އަދަދެއްގެ ކޮވިޑް ކޭސްތަކެއް ރިޕޯޓުކޮށްފައިވާ އިރު، އާދިއްތަ ދުވަހު އެ ގައުމުގެ ވެރިރަށް މޮސްކޯއިން އެކަނިވެސް، 10،400 އަށްވުރެ ގިނަ ކޮވިޑް ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.
މިއީ މެއި މަހުގެ 15 ވަނަ ދުވަހަށްފަހު އެންމެ ގިނަ އަދަދަކަށް އެ ގައުމުން ކޮވިޑަށް މީހުން ޕޮޒިޓިވްވީ ފުރަތަމަ ފަހަރެވެ.
ރަޝިޔާގެ ކޮރޯނާ ވައިރަސް ކްރައިސިސް ސެންޓަރުން ބުނެފައިވަނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ގެ ސަބަބުން 107 މީހުން އެ ގައުމުން މަރުވެފައިވާ ކަމަށެވެ. އަދި މި ޢަދަދާއެކު 21،300 އަށް ވުރެ ގިނަ މީހުން ވަނީމަރުވެފަ އެވެ.
އެ ގައުމުން އެންމެ ގިނަ އަދަދަކަށް ކޮވިޑަށް ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީވެސް މޮސްކޯ، މޮސްކޯ އޮބްލާސްޓް އަދި ސެއިންޓް ޕީޓަރސްބަރގްއިން ނެވެ. އަދި މޮސްކޯގައި މިފަހުން ގިނަ އަދަދަކަށް ޖެހިފައިވަނީ އުމުރުން 18 އަހަރާ އުމުރުން 45 އަހަރާ ދެމެދުގެ އުމުރުގެ މީހުންނަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރަޝިއާގައި ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން މެއި މަހުގެ 11 ވަނަ ދުވަހާ ހަމައަށް އެ ގައުމުގައި އާއްމު ރައްޔިތުން މަސައްކަތަށް ނިކުތުން މަނާކޮށް، ދަތުރުފަތުރު ކުރުމުގައި ވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް