ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެެވެ.
އޭނާ ޖަލަށް ލާން ޙުކުމް ކުރީ ކްރިމިނަލް ކޯޓުން ދާދި ދެންމެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް މިދިޔަ ހަފުތާގެ ބްރާސްފަތި ދުވަހު އޭނާ ވަނީ އިޢުތިރާފްވެ ވަޑައިގެންފަ އެެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
އެ ދައުވާތަކުގެ އަދަބެއްގެ ގޮތުގައި 20 އަހަރަށް ޖަލަށް ލުމާއި ދެ މިލިއަން ރުފިޔާ އިން އަދީބު ޖޫރިމަނާ ކުރަން ކޯޓުންދެންމެ ހުކުމްކޮށްފައިވާ އިރު، ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ވަނީ އަދީބަށް އަންގާފައެވެ.
އަދީބަށް ކުރި ހަތް ދައުވާ އަށް ކަނޑައެޅި އަދަބުތައް:
1) ޚިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް
2) ޚިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް
3) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: ހަ މަސް ދުވަހަށް ޖަލަށް
4) ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން: ތިން މަސް ދުވަހަށް ޖަލަށް
5) މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން،
6) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: އެއް މަހާއި 15 ދުވަހަށް ޖަލަށް
7) މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް
މި މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ކޯޓުން މީގެކުރިން އަމުރުކޮށްފައިވީ ނަމަވެސް ބަލި ހާލަތު ހުރި ގޮތުން ކަމަށް ބުނެ ކޯޓުގެ ހުއްދަޔާއެކު އަދީބު މިހާރު ވަނީ ގެއަށް ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް