ހުނަރުވެރި ތަފާތު ދައްކައިދޭ އެތައް ދިވެހި ޓީޗަރުން އެބަތިބި: ބީއެމްއެލް

ރާއްޖޭގައި ހުނަރާއި ގާބިލްކަމުން ފުރިގެންވާ އެތައް ދިވެހި ޓީޗަރުން އެބަތިބި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ. ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބީއެމްއެލްއިން ވަނީ ރާ...

05 Oct 2020 | 14:51

ރާއްޖޭގައި ހުނަރާއި ގާބިލްކަމުން ފުރިގެންވާ އެތައް ދިވެހި ޓީޗަރުން އެބަތިބި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބީއެމްއެލްއިން ވަނީ ރާޢްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލްތަކުގައި ކިޔަވައިދެމުންދާ ހުނަރުވެރި ދިވެހި ޓީޗަރުންނާއި ގުޅޭ މައުލޫމާތު ހާމަކޮށްފައި އެވެ. ބީއެމްއެލްއިން ބުނީ މި ޓީޗަރުންނަކީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރެއިން ތަފާތު ދައްކައިދެމުންދާ ޓީޗަރުންތަކެއް ކަމަށެވެ.

ބީއެމްއެލްއިން ތައާރަފުކޮށްދީފައިވާ ޓީޗަރުންގެ ތެރޭގައި އައްޑޫ ސިޓީ މީދޫ ޝަރީފާ ޕްރީ ސްކޫލްގެ ހެޑް ޓީޗަރު ފާތިމަތު ފަރްހަދް، ފ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ޕްރައިމަރީ ދިވެހި ޓީޗަރު އަބްދުލް މަޖީދު އަހުމަދު، އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ދިވެހި ޓީޗަރު، އައިޝަތު އިކްރާމް ހިލްމީ، ށ. ފުނަދޫ ސްކޫލްގެ ޓީޗަރު އާދަމް ޝަރީފު މުހައްމަދު ހިމެނެ އެވެ. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ހިތަދޫ ކެމްޕަސްގެ ލެކްޗަރާ، އައިޝަތު ރަޝީދު، ދ. މާއެނބޫދޫ ސްކޫލްގެ ސީނިއާ ޓީޗަރު އަބްދުﷲ ސައީދުގެ އިތުރުން ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ލީޑިން ޓީޗަރު ފާތިމަތު ނައިފާ ނައީމް އާއި ބ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ސީނިއާ ހިސާބު ޓީޗަރު އަބްދުލް ފައްތާހު މުހައްމަދު ހިމެނެ އެވެ.

https://twitter.com/bankofmaldives/status/1312997896413868032

މީގެ ތެރެއިން ގިނަ ޓީޗަރުންނަކީ ދާއިރާގައި 10 އަހަރާއި 24 އަހަރާއި ދެމެދު ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ. އަދި އެތައް ހާސް ދަރިވަރުންނަށް ތައުލީމު ދިނުމުގައި ހަރަކާތްތެރިވެފައިވެ އެވެ.

މި ޓީޗަރުން ވިދާޅުވެފައިވަނީ ދަރިވަރުންނަށް ލިބޭ ކުރިއެރުމަކީ އެމީހުންގެ ހިތްހަމަޖެހުމާއި ކުރިއެރުން ކަމަށެވެ. އަދި އެމީހުންގެ ދިރިއުޅުން ތައުލީމު އުނގަންނައިދިނުމާއި ނުލައި ކުރިޔަށްދާނެ ގޮތް ބުނެދޭން ނޭނގޭ ކަމަށް ވިދާޅުވެފައިވެ އެވެ.

މިއަހަރު ޓީޗަރުންގެ ދުވަސް ފާހަގަ ކުރަމުން މިދަނީ ޓީޗަރުންގެ ވަރުބަލި ކަމެއް ނެތް ބުރަ މަސައްކަތްތައް ފެނިގެންދާ ދުވަސްވަރެއްގައި އެވެ. ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށް ދަރިވަރުން ގޭގައި ބައިތިއްބަިއގެން ކިޔަވައިދޭން ޖެހިފައިވާއިރު ޓީޗަރުން ދަނީ ވަރުބަލިކަމެއް ނެތި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ބުރަ މަސައްކަތް ކުރަމުންނެވެ.

ބީއެމްއެލްއިން ބުނީ ޓެލިކްލާސްތަކާއި އޮންލައިންކޮށް ކިޔަވައިދިނުމަށް މި ދުވަސްވަރު ޓީޗަރުން ކުރަމުންދަނީ ޝުކުރު ހައްގު މަސައްކަތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް