މެލޭޝިޔާގެ ރިލީޖިއަސް އެފެއާޒް މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވް ވުމުން އެ ގައުމުގެ ބޮޑުވަޒީރު މުހްޔިއްދީން ޔާއްސިން އަމިއްލަފުޅަށް ކަރަންޓީނުވެވަޑައިގެންފިއެވެ.
އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބޮޑުވަޒީރު އަމިއްލަފުޅަށް ކަރަންޓީނުވަނީ 14 ދުވަހުގެ މުއްދަތަކަށެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު އަމިއްލަފުޅަށް ކަރަންޓީނުވެފައިވާއިރު އެ ގައުމުގެ ރިލީޖިއަސް އެފެއާޒް މިނިސްޓަރަށް ކޮވިޑު ޖެހިފައިވަނީ އެ ގައުމުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލް ބައްދަލުވުމެއް ނިންމުމަށްފަހު ކުރި ޓެސްޓަކުންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވި އިސް އެންމެހާވެރިން ކަރަންޓީނުވުމަށް ނިންމާފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
31 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާގައި ކޯވިޑް ހާލަތު މިދިޔަ ޖޫން މަހުން ފެށިގެން ކޮންޓްރޯލުވިނަމަވެސް އަނެއްކާވެސް ކޮވިޑު ހާލަތު ވަނީ ގޯސްވެފައެވެ.
ޖޫން މަހުން ފެށިގެން ސެޕްޓެމްބަރާއި ހަމައަށް އަދަދު އުޅުނީ ދުވާލަކު 50 އަށްވުރެ ދަށުގައެވެ. ނަމަވެސް މިހާރު ދުވާލަކު 300 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މިހާތަނަށް އެ ގައުމުން ކޮވިޑަށް 12813 މީހަކު ޕޮޒިޓިވް ވެފައިވާއިރު 137 މީހަކު ވަނީ ކޮވިޑުގައި މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް