މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކީރިތި ޤުރުއާން ކިޔަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާއަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޤައިދީންނަށް ޚާއްސަކޮށް ހިންގާ ޤިރާއަތު ކޯހުގެ ލެވެލް ތިނެއް ގެ ފަސް ބެޗް މާފުށި ޖަލުގައި ފަށައިފިއެވެ.
ހަތް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤުރްއާން އެންޑް ސުންނަތާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ކޯހުގައި ބައިވެރިވެވޭނީ ޤިރާއަތު ލެވެލް ދޭއް ފުރިހަމަކޮށްފައިވާ ޤައިދީންނަށެވެ.
ޖުމްލަކޮށް 131 ޤައިދީން މި ފަސް ބެޗްގައި ބައިވެރިވެފައިވެއެވެ. މިގޮތުން ބެޗް ހައެއްގައި 19 އަންހެން ޤައިދީން ބައިވެރިވެފައިވާއިރު، ބެޗް ހަތެއް އާއި ނުވައެއްގައި 28 ޤައިދިން ބައިވެރިވެފައިވެއެވެ. އަދި ބެޗް އަށެއްގައި 29 ޤައިދީންނާއި ބެޗް 10 ގައި 27 ޤައިދީން ބައިވެރިވެފައިވެއެވެ.
ޤިރާއަތު ކޯހުގެ ލެވެލް ތިނެއް ނިމޭއިރު ކީރިތި ޤުރްޢާންގެ 30 ވަނަ ފޮތް ތަޖުވީދުމަގުން ހިތުން ކިޔަން އެނގިގެން ދާނެއެވެ. އަދި އަރަބި ހުރިހާ އަކުރެއްގެ މަޚްރަޖާއި ސިފަތައް ބުނެދޭން އިނގުމުގެ އިތުރުން، މަޚްރަޖު ތަކަށް ބޭނުންވާ ބައިތަކާއި އެބައި ތަކުގެ ތަފްސީލް އަދި ތަޖްވީދުގެ އާންމު ހުރިހާ ޤަވައިދެއް އެނގިގެންދާނެއެވެ. އަދި، އަޙްލާޤީ ރިވެތި ސިފަތައް ވެސް މި ކޯހުގައި އުންގަންނައި ދެވޭނެއެވެ.
މި ކޯސް ފުރިހަމަ ކުރާ ޤައިދީންނަށް ސެޓްފިކެޓް ހަތަރެއް އިން ޤިރާތް ކޯސް ހެދުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް