އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށް، މި އަހަރު ނިމެންދެން މި ގޮތަށް އަމަލުކުރަން ނިންމައިފި

އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރު މިންވަރު އިތުރުކޮށް، މި އަހަރު ނިމެންދެން މި ގޮތަށް އަމަލުކުރަން ނިންމައިފި އެވެ. މަރުކަޒީ ބޭންކުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19 ގެ ސަބަބު...

05 Oct 2020 | 12:14

އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރު މިންވަރު އިތުރުކޮށް، މި އަހަރު ނިމެންދެން މި ގޮތަށް އަމަލުކުރަން ނިންމައިފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19 ގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެފައިވާ މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެ އިދާރާއިން ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

" ފަތުރުވެރިކަމުގެ ދާއިރާ އަށް މިއައި ކުއްލި ހީނަރުކަމުގެ ސަބަބުން ގައުމަށް ވަންނަ ޑޮލަރު މަދުވުމުން ބޭރުފައިސާގެ ބާޒާރަށް ކުރިމަތިވި ޕްރެޝަރުތައް ކުޑަކުރުމަށް އެމްއެމްއޭ އިން ދަނީ މަސައްކަތްކުރަމުން. އެގޮތުން ކުރިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓްކުރުމަށްޓަކައި އިތުރު ޑޮލަރު ބޭންކުތައް މެދުވެރިކޮށް ދަނީ ދޫކުރަމުން." އެމްއެމްއޭ ގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ބޭރުފައިސާގެ ބާޒާރަށް އޮތް ޕްރެޝަރު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމަކަށްވާތީ، އަނެއްކާވެސް ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް އެ އޮތޯރިޓީން ނިންމާފައިވާ ކަމަށާއި މި އަހަރު ނިމެންދެން މި ގޮތަށް އަމަލުކުރަމުން ގެންދިއުމަށްވެސް ނިންމާފައިވާ ކަަމަށްވެސް ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް 19 ގެ ސަބަބުން ދިމާވާ އިގްތިސާދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ.

އެހެންނަމަވެސް އިގްތިސާދު ކުރިއަރަމުން އަންނަކަމުގެ އުންމީދީ ނިޝާންތަކެއް ދަނީ ފެންނަމުންނެވެ.

މިގޮތުން  15 ޖުލައި 2020 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވުމާއި ގުޅިގެން ރާއްޖެ އަށް ވަނީ އެމަހުގެ ނިޔަލަށް 1752 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ މަހުންމަހަށް އިތުރުވަމުންނެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބު ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް ވަނީ 18،918 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އެވެރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ވެސް ދަނީ އިތުރުވަމުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވެރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީ ހަ ދުވަހުއެވެ. އެހެންނަމަވެސް މި ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވެރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މުއްދަތު ވަނީ 9 ދުވަހަށް އިތުރުވެފައެވެ. މީގެ އިތުރުން އިމާރާތްކުރުގެ ސިނާއަތްވެސް މަޑުމަޑުން ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް