ކޯވިޑާއި އެކު ޓީޗަރުންގެ ބުރަ މަސައްކަތަށް އިހުތިރާމް ލިބިއްޖެ: މިނިސްޓަރު

ކޯވިޑް-19 ގެ މި ހާލަތުގައި ޓީޗަރުން ކުރާ މަސައްކަތް އާންމުން ބަލައިގަނެ ޓީޗަރުންނަށް ކުރިއަށްވުރެ ބޮޑަށް އިހުތިރާމު ލިބިއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓ...

05 Oct 2020 | 09:59

ކޯވިޑް-19 ގެ މި ހާލަތުގައި ޓީޗަރުން ކުރާ މަސައްކަތް އާންމުން ބަލައިގަނެ ޓީޗަރުންނަށް ކުރިއަށްވުރެ ބޮޑަށް އިހުތިރާމު ލިބިއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އެވެ.

މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަކީ އަބަދުވެސް ތައުލީމީ ދާއިރާގައި ހާއްސަ ބައެއް ކަމަށެވެ. ކޯވިޑުގެ ހާލަތުގައި ކްލާސްރޫމްގެ ހަތަރު ފާރުން ބޭރުވެ ގޭގެ މެދުގެއަށް ކްލާސްތައް އައުމުން މުދައްރިއްސުން ކުރާ މަސައްކަތްތަކަށް އިތުރަށް ގަދަރުދެވި ޓީޗަރުންނަށް ހިތުގައި ދެވިފައިވާ ލޯބި އިތުރުވެއްޖެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ކާރިސާގެ ވަގުތު އަމިއްލަ އާއިލާއަށް ވަގުތު ދެމުން، ދަރިވަރުންގެ ހާލު ބަލަމުން، ކުރިން ނުފެންނަ މަންސަތަކަށް ފާގަތިވެ، އެ ބޭނުންކުރުމަށް ތަމްރީން ހޯދާ، ދަރިވަރުންނަށް އާ ފިލާވަޅުތައް ނަގައިދިނުމަށް ޓީޗަރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި ކަންކަމުން ދައްކުވައި ދެނީ ވަކި ދުވަސްވަރެއްގައި ޓީޗަރުން ފަނޑުވެގެން ނުދާނެ ކަމާއި އާ ކަންކަމަށް ފަރިތަވެގަންނަލެއް އަވަސްވާނެ ކަމަށެވެ.

ކޯވިޑްގެ ހާލަތުގައި ގޭގައި ތިބެގެން ދަރިވަރުން ކިޔަވަން ޖެހުމުން އެންމެ ކުއްޖަކު ފިލާވަޅުގައި މަސްއޫލުކުރުމަށްޓަކައި ކުރަން ޖެހޭ ބުރަ މަސައްކަތް ބެލެނިވެރިންނަށް މިހާރު ތަޖުރިބާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުދައްރިސުން ދަރިވަރުންގެ ސަމާލުކަން ހޯދުމަށް ކުރާ މަސައްކަތަށް ޝަރަފު ލިބިއްޖެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަރިވަރުންގެ ކިޔެވުން އާންމު ހާލަތަކަށް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަކަން މިނިސްޓަރު ފާހަގަކުރެއްްވި އެވެ. ނަމަވެސް ކޮވިޑްގެ ކާރިސާއިން ލިބުނު އިބްރަތުން ފިލާވަޅު ލިބި މުދައްރިސުންގެ ހިތްވަރާއެކު އީޖާދީ ވިސްނުންތަކުން މުސްތަގްބަލަށް ކުރަހައިދިން ތަސައްވަރުން އުއްމީދު އާވެއްޖެކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް