އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ހުކުމް އިއްވުން މިއަދު ހަވީރު 6:00 އަށް ތާވަލު ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ މި މަައްސަލައިގަ އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއަކަށް އިއުތިރާފުވެވަޑައިގެންފައި އެވެ. އަދީބު ހުރިހާ ކުށަކަށް އިތުރާފުވީ ދައުލަތާއި އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ދައުލަތާއި އެކު އަދީބު ހަދާފައިވާ އެއްބަސްވުންތަކާއި އެކު މި މައްސަލަތަކުގައި އަދީބަށް އިއްވާނީ 20 އަހަރުގެ ޖަލު ހުކުމާއި އެކު ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ.
އިއުތިރާފް އެއްބަސްވުމުގެ ދަށުން އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ޖަލުގައި ހޭދަކުރަަން ޖެހިވަޑައިގަންނަވާނީ 19 އަހަރެވެ. އެއީ މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އޭނާ ބަންދުގައި ހުންނެވުމުންނެވެ. ހުކުމް ކުރާ މައްސަލައިގަ ކުރިން ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރާނެ އެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއެކެވެ. އަދި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ ދެ ދައުވާ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް