ކޮލަމް ކުލަ: ކޮވިޑްގެ ކާރިސާ އިން ލިބިދޭ އެންމެ ބޮޑު އެއް ފިލާވަޅު

ކޮވިޑް-19 ގެ ނުރައްކަލާ މުޅި ދުނިޔެ އަދިވެސް ކުރިމަތިލަމުން ދާއިރު، އެންމެ ބާރަށް ދެކެވޭ ވާހަކައަކީ މިއީ ބޮޑު ފިލާވަޅެއް ކަމެވެ. ދުނިޔެ މިފަހުން ނުދެކޭހާ ބޮޑު ކާރިސާއެއް ކަމެވެ. އެތައް ޒަމާނަކަށް ދެމި...

05 Oct 2020 | 06:55

ކޮވިޑް-19 ގެ ނުރައްކަލާ މުޅި ދުނިޔެ އަދިވެސް ކުރިމަތިލަމުން ދާއިރު، އެންމެ ބާރަށް ދެކެވޭ ވާހަކައަކީ މިއީ ބޮޑު ފިލާވަޅެއް ކަމެވެ. ދުނިޔެ މިފަހުން ނުދެކޭހާ ބޮޑު ކާރިސާއެއް ކަމެވެ. އެތައް ޒަމާނަކަށް ދެމިގެންދާ ފަދަ ބަދަލުތަކެއް އަހަރުމެންގެ އާއްމު ދިރިއުޅުމާއި އެއާ ގުޅިފައިވާ ހުރިހާ ކަމަކަށް އަންނާނެ ވާހަކަ އެވެ. އަޑު އިވެނީ، ކުރިން އުޅުނު ގޮތަށް، އޭރު ކަންކަން ކުރި ގޮތަށް، ދެން ކަންކަން ކުރެވެން ނެތް ކަމަށް ބުނެ ދޭ ނަސޭހަތެވެ. އާ ވިސްނުންތަކަކަށް ދުނިޔެ ބޭނުންވެފައިވާ ވާހަކަ އެވެ. އާ އުސޫލުތަކަކަށް އަހަރުމެން ހޭނެންޖެހިފައިވާ ކަމުގެ މި އަށް ވުރެ ވަކިން ބޮޑު ސިގްނަލެއް ނުލިބޭނެ އެވެ.

މި ވާހަކަތައް ތަކުރާރުކޮށް އަޑުއިވޭތާ ހައެއްކަ މަސްދުވަސް ވެފައިވާއިރު، މި ވާހަކަ އަޑަށް ބާރުލާފައި ދައްކަންޖެހޭ ސަބަބުތައް ގިނަ އެވެ. އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކަކީ އޭގެ އެންމެ ބޮޑު އެއް ސަބަބެވެ. ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަ ހިތްދަތި މަންޒަރުތަކުގެ ސަބަބުންނެވެ. ބޮޑެތި ސިނާއަތްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ. އެތައް ވިޔަފާރިތަކެއް ބަނގުރޫޓްވެއްޖެ އެވެ. ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލިއްޖެ އެވެ. ޖީބަށް ވަންނަ ފައިސާގެ އަދަދު ކަނޑައިވައްޓާލައިފި އެވެ. އޭގެ ސަބަބުން އެތައް އާއިލާތަކެއް ބިކަވެ، ފަގީރުވެއްޖެ އެވެ.

މި ކާރިސާ އަށް ނިމުމެއް އަންނާނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.

ރާއްޖެ އަކީ، ދުނިޔޭގެ ނިސްބަތުން ވެސް ކޮވިޑްގެ އިގްތިސާދީ ގެއްލުން އެންމެ ބޮޑަށް ކުރަމުންދާ އަދި ކުރާނެ އެއް ގައުމު ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ބުނެފަ އެވެ. ބާރު އިސްޕީޑުގައި ކުރިއަރަމުން އައި ދިވެހި އިގްތިސާދީ އިންޖީނު ވަނީ ހުއްޓިފަ އެވެ. އެންމެން މި ތިބީ، މި ބަލިމަޑުކަމުން އަރައިގަނެވުމުގެ ކޮޅުމަތި ފެނި، އިގްތިސާދީ އިންޖީނު އަލުން އަނބުރާ ކުރީގެ އިސްޕީޑަށް ގެންދެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ރާއްޖޭގެ އިގްތިސާދު ބިނާވެފައި ވަނީ ނިސްބަތުން މަދު ސިނާއަތްތަކެއްގެ މައްޗަށެވެ. ޓޫރިޒަމާއި މަސްވެރިކަމަކީ އޭގެ ތެރެއިން މައިގަނޑު ދެ ސިނާއަތް ކަމަށްވާއިރު، ދިވެހިންގެ ލޭނާރު ކަމަށް ޒަމާނުއްސުރެ ކިޔައިއުޅޭ މަސްވެރިކަމުގެ ސިނާއަތް އޮތީ ކޮވިޑްގެ ކުރިން ވެސް ވަރަށް ދެރަވަރު ހާލަތެއްގަ އެވެ. ޓޫރިޒަމް ސިނާއަތް ފެށި، އަންނަ ޓޫރިސްޓުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، ރިސޯޓްތަކުގެ އަދަދު ގިނަވާން ފެށުމާ އެކު، އެއީ ރާއްޖޭގެ "ރަންބިސް އަޅާ ކުކުޅަށް" ވެގެން ހިނގައްޖެ އެވެ. ހޮޓާ ހިންގާ ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑްތައް ފުރުސަތަކަށް ބަލަބަލައި އޮންނަ މަންޒިލަކަށް ރާއްޖެ ވަނީ ވެފަ އެވެ. ރާއްޖެ އަކީ މިހާރު އޭގެ ޒާތުގައި ބްރޭންޑެކެވެ.

ކުޑަ ގައުމެއްގެ ނިސްބަތުން މިއީ ބޮޑު ކާމިޔާބީ އެކެވެ. އދ. ފަދަ އިދާރާތަކުން ނުވާނެ ކަމަށް ބުނި ކަމެއް، ކުޑަކުޑަ ގައުމަކުން މި އޮތީ ކޮށްފަ އެވެ. މި ވާހަކަ ފާހަގަކޮށްލަން މިއީ ވަރަށް މުނާސަބު ވަގުތެއް ވެސްމެ އެވެ. ރާއްޖޭގެ ފުރަތަމަ ރިސޯޓް ކަމަށްވާ ކުރުނބާ ވިލެޖު (މިހާރު ކިޔާ  ގޮތަށް ނަމަ، ކުރުނބާ މޯލްޑިވްސް) ހުޅުވައި، ދިވެހި މުޖުތަމައު ތަރައްގީގެ ރޮނގުގައި އެހެން ލެވެލްއަކަށް ގެންދިއުމުގެ ދަތުރުގެ ބިންގާ އެޅުނު އެޅުމަށް މިދިޔަ ހޮނިހިރު ދުވަހަށް 48 އަހަރު ވަނީ ފުރިފަ އެވެ. މިއީ، ހުރިހާ ގޮތަކުން ވެސް އުފާވެރި މުނާސަބަތެކެވެ. ރާއްޖޭގެ މަލަމަތި ބަދަލުކޮށްލުމުގެ ފުރުސަތު ހުޅުވިގެން ދިޔަ ސިނާއަތުގެ ރަންޔޫބިލް ފުރުމާ ދިމާލަށް މިވަނީ ދުވަސްތައް ފެށިފަ އެވެ.

މި ކާމިޔާބުގެ އަނެއްކޮޅު ވެސް އެބައޮތެވެ. ޓޫރިޒަމްގެ މައްޗަށް އިގްތިސާދީ ލަނގަން ދޫކޮށްލުމުގެ ނުރައްކަލުގެ ވާހަކަ އެވެ. މި ކާރިސާގެ ތެރޭގައި އެކަން އިތުރަށް ފެނިގެން ހިނގައްޖެ އެވެ. އެއް ސިނާއަތަކަށް މުޅި އިގްތިސާދު ބަރޯސާކުރުމުގެ ގެއްލުން މި ދަނީ ވަރަށް ބޮޑަށް ފެންނަމުންނެވެ. އާއްމު މީހާ އަށް، އާދައިގެ އާއިލާތަކަށް ލިބެމުންދާ ނިކަމެތިކަން އެއީ އޭގެ ވަރަށް ބޮޑު ހެއްކެކެވެ. ދައުލަތުގެ ހަޒާނާ އަށް އައިސްފައިވާ ލޮޅުން ވެސް ހަމަ އެފަދަ އެވެ. މިއީ ގައުމެއްގެ ނިސްބަތުންނާއި އާއްމު ފަރުދެއްގެ ހައިސިއްޔަތުން ވެސް ފާރަވެރިވެ، ހަނދާން ނައްތައިލައިގެން ނުވާނެ ކަމެކެވެ. އަހަރުމެން ގިނަ ބައެއްގެ ހަޔާތުގައި ނުލިބޭނެ ފަދަ ބޮޑު ފިލާވަޅެކެވެ!

ކޮވިޑް-19 ގެ ނުރައްކަލުން އަރައިގަތުމުގެ މަގުކޮށަމުން އަންނައިރު، މި މެސެޖް އަހަރުމެންގެ ސިކުނޑީގައި ބިންވަޅު ނަގަން އެބަޖެހެ އެވެ. އާ ވިސްނުންތަކެއް ގެންނަން އެބަޖެހެ އެވެ. އިގްތިސާދުގެ ފިޔަ ނިއުޅުވާލައި އެކި ދިމަދިމާލަށް އުދުއްސައިގަންނަން ފުރުސަތު ދޭން ޖެހެ އެވެ. ޓެކްނޮލޮޖީގެ އެކިއެކި އީޖާދުތަކަށް މަރުހަބާކިއުމާ އެކުގަ އެވެ. ޒަމާންވީ މަސައްކަތްތަކާއި ސިނާއަތްތައް ކުރިއަރުވައި، އެ ސިނާއަތްތަކުގެ މަސައްކަތުގެ ވައްޓަފާޅި ޒަމާނަށް ބަދަލުކޮށް، 21 ވަނަ ގަރުނަށް ފައްތައިގެންނެވެ. ނަލަނަލަ ރާއްޖޭގެ ރީތިކަން ދެކިލުމަށް ކޮންމެ އަހަރަކު މިލިއަނުން އަންނަ މީހުންގެ އަތުން ލިބޭ ޑޮލަރު އިގްތިސާދުގެ އިންޖީނުގެ އިސްޕީޑު ބާރުކުރުމަށް ހޭދަކޮށްގެންނެވެ.

މިއީ، ކޮވިޑް-19 ގެ ކާރިސާ އިން ލިބިދޭ އެންމެ ބޮޑު، އެންމެ މުހިއްމު އެއް ފިލާވަޅެވެ. މި ފިލާވަޅު ހަނދާން ނައްތާލައިގެން ވާކަށް ނެތެވެ!

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް