ގިނަގިނައިން މަރު ހަނދާންކުރުން

ﷲގެ ޢަޛާބަށް ބިރުވެތިވާ މީހާއަށް ހެޔޮކަންތައްތައް ކުރުން ފަސޭހަވާނެއެވެ. ނަމަވެސް ދޮގު އުއްމީދުތަކެއް ކުރާ މީހާ ހެޔޮޢަމަލުތައް ކުރުމުގައި ކަންނެތްވެ، އެންމެ ފަހުން ނުބައިކަންތައްތައް ކުރުން ގިނަވެދެއެ...

05 Oct 2020 | 03:00

ﷲގެ ޢަޛާބަށް ބިރުވެތިވާ މީހާއަށް ހެޔޮކަންތައްތައް ކުރުން ފަސޭހަވާނެއެވެ. ނަމަވެސް ދޮގު އުއްމީދުތަކެއް ކުރާ މީހާ ހެޔޮޢަމަލުތައް ކުރުމުގައި ކަންނެތްވެ، އެންމެ ފަހުން ނުބައިކަންތައްތައް ކުރުން ގިނަވެދެއެވެ. ނަމަވެސް މުސްތަޤުބަލް ވަނީ ކައިރީގައެވެ. އަހަރެމެންގެ ވެރި رَبُّ އަހަރެމެން ހެއްދެވީ ބޭކާރު ގޮތެއްގައެއް ނޫނެވެ. އަހަރެމެން ދާނެ މިޞްރާބަކަށް ދިއުމަކަށް ދޫކޮށެއް ނުލައްވާނެއެވެ. ވީއިރު މާދަމާ ތިބާއަށް ސަލާމަތްކަމެއް ހޯދައިދޭނެ ކޮއްތެއް ހޯއްދަވާށެވެ.

މަރުގެ ވަޤުތުވަނީ ވަންހަނާކުރެއްވިގެންނެވެ. އުއްމީދުތައް ދަނީ އިންސާނާ ހެއްލުތެރިކުރަމުންނެވެ. މީހަކު މަރުވެއްޖެ ނަމަ ދިރިތިބީން އެމީހަކު ފެންފަރުވައި، ކަފުންކޮށް ތައްޔާރު ކުރެއެވެ. އެ މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރެއެވެ. އަދި އެ މައްޔިތާގެ ދާއިމީ ގެއަށް އޭނާ ގެންދަނީ ދިރިތިބީންގެ އަތްތަކުންނެވެ. އަދި އެކަމަށް ހިތާމަކޮށް ތިމާގެ މީހުން ދެރަވެ ރޮއެ ހަދާތަން ތިބާއަށް ފެންނާނެއެވެ. ނަމަވެސް އިސާހިތަކު އެމީހުން އެކަންތައް ހަނދުމަ ނައްތާލާފައި، ދުނިޔޭގެ މަޖަލުގެ ތެރެއަށް ގެނބިދެއެވެ. ޣާފިލުކަން އެމީހުންގެ މައްޗަށް ގަދަވެދެއެވެ.

ދަންނާށެވެ! މިޙަޔާތަކީ ޣާފިލުންގެ މައްޗަށްވާ ޙުއްޖަތެކެވެ. އެމީހުންގެ ދުވަސްތައް އެމީހުން ގެންދަނީ އަބާއްޖެވެރިކަމާއި ދިމާލަށެވެ. ހެޔޮޢަމަލު ކުރުމަކާއިނުލައި އާޚިރަތުގެ ދަރުމައާއި ޘަވާބަށް މީހަކު އުއްމީދުކުރާނީ ކިހިނަކުން ހެއްޔެވެ؟ ޣާފިލުކަމާއި، ދުނިޔޭގައި ގިނަދުވަހު ދިރިއުޅޭނެކަމުގެ އުއްމީދުގެ ތެރެއަށް ޣަރަޤުވެފައިވާ މީހަކު ތަވްބާވާނީ ކިހިނަކުން ހެއްޔެވެ.؟

ޣާފިލުންނަށް ހުރީ ހަލާކެވެ. އޭނާއަށް އެއްޗެއް ދެވުނަކަސް އެނާ  ހިތްހަމައެއް ނުޖެހޭނެއެވެ. އަދި އޭނާ ކަމަކުން މަޙްރޫމު ވެއްޖެނަމަ ހިތާމަކުރެއެވެ. އޭނާ އަމިއްލައަށް ނުކުރާ ކަންތައްތަކަށް އެހެން މީހުންނަށް އޭނާ އަމުރުކުރެއެވެ. އޭނާ އެކަންކަމުން މަނާވެ ނުގަންނަ ކަންތައްތައް މީސްތަކުންނަށް އޭނާ މަނާކުރެއެވެ. އޭނާ އަބަދާއި އަބަދު އެހެންމީހުންގެ ކުށްތައް ހޯދާ އެވާހަކަ ދައްކާ، އަދި އަމިއްލަ ނަފްސު ފުރިހަމަ ކަމުގައި ދެކެއެވެ.

ދުނިޔޭގެ ޙަޔާތުގެ އުފަލަށް ގެނބި ޣާފިލުވެގެންވާ މީހުންނޭވެ.! ދުނިޔޭގެ ޙަޔާތަށް އިތުބާރުކުރި ކިތައް މީހުންނަށް  ދުނިޔޭގެ ޙަޔާތް ޚިޔާނާތްތެރިވިބާވައެވެ.؟ މަކަރުވެރި ކިތައް އަނިޔާވެރިންނަށް ދުނިޔޭގެ ޙަޔާތް އޮޅުވާލިބާވައެވެ.؟ ކިތައްކިތައް ކިބުރުވެރިން ދަށްކޮށް، ކިތައް ޢިއްޒަތްތެރިން ނިކަމެތިކޮށްލިބާވައެވެ.؟

މިޙަޔާތުގައި ލިބޭ އާރާއި ބާރަކީ ބަދަލު ވޭވޭ ހުންނަ އެއްޗެއްކެވެ. އެއްވަރެއްގައި ދެމިހުންނަ އެއްޗެއް ނޫނެވެ. މިޙަޔާތުގެ ފޮނިކަމަކީ ވަރަށް އަވަހަށް ހިތިވެދާ އެއްޗެކެވެ. އޭގެ ހިތިކަމަކަން ވެސް އެހާ އަވަހަށް ފޮނިވެދެއެވެ. ބާރުގަދަ ވެރިން ބަލިކޮށްލެވެއެވެ. ޙަޔާތަކީ ކުރުއެއްޗެކެވެ. އޭގައިވާ މަތިވެރި އެއްޗެއްސަކީ މަދު އެއްޗެކެވެ. ޙަޔާތް ވަރަށް އަވަހަށް ދަވްރުކުރަމުންދެއެވެ. އޭގެ އުފާތައް ވަރަށް އަވަހަށް ހިތާމައަށް ވެދެއެވެ. ޞިއްޙަތު ބަލިކަމަށް ބަދަލުވެދެއެވެ. މުދާވެރިކަން ހައިހޫނުކަމަށް ބަދަލުވެދެއެވެ. އޭގެ ދުވަސް ތަކަކީ ހެއްލުންތެރި ކުރުވާ މަކަރުވެރި ދުވަސް ތަކެކެވެ.

ހިތްތައް ހަލާކުކޮށްލާ، ލޯތައް ކަރުނައިން ތެންމާލާ، އުފާތައް ނެތިކޮށްލާ، މީސްތަކުން ބައިބައިކޮށްލާ، އުއްމީދުތައް ފުނޑުފުނޑުކޮށްލާނެ އެއްޗަކަށް މަރު ފުދޭ. ބޮޑެތި ޢާއިލާތަކާއި، ގިނަ ރަޙްމަތްތެރިންނާއި އެކު އުޅެނިކޮށް މަރު އައިސް އެހުރިހާ އެއްޗަކާއި އޭނާ ވަކިކުރުވައެވެ. އަލިކަމާއި މަޖަލުގައި ވަނިކޮށް މަރު އައިސް އަދިރިއާއި އެކަނިވެރި ކަމުގެ ތެރެއަށް އޭނާ ގެންދެއެވެ. ތަނަވަސް ޖާގައިގާ އުޅެނިކޮށް، މަރު އައިސް ހަފަރާތުން ބެދިފައިވާ ހަނިކަން ބޮޑު ކައްވަޅަށް އޭނާ ގެންދެއެވެ.

ބިން މަތީގައި ހިނގަހިނގާ އުޅެނިކޮށް މަރު އައިސް ފަސްގަނޑުގެ އަޑިއަށް އޭނާ ގޮވައިގެންދެއެވެ. އެތާގައި ތިބާގެ ކަފުން ވީދި ހުސްގަޔާވެ، ހުސްފަޔާވެ، އެކަނިވެރި ވާނެއެވެ. ތިބާގެ ގެއަކީ ކަށްވަޅު ކަމުގައި ވެދެއެވެ. ހިރަފުހަކީ ތިބާގެ ފޭރާން ކަމުގައި ވެދެއެވެ. މަރުވެފައިވާ މީހުންގެ އެކިއެކި ގުނަވަންތަކަކީ ތިބާގެ އަވަށްޓެރިން ކަމުގައި ވެދެއެވެ. އެއީ އަޑުނީވޭ، އަދި އެއަޑަށް އިޖާބައެއް ނުދެވޭ އަވަށްޓެރިންތަކެއް ކަމުގައިވެދެއެވެ.

ތިބާ ދުނިޔޭގައި ގިނަދުވަހު ދިރިހުރި، އަދި ގިނަތަކެތި ތިބާއަށް މިލްކުވިއެވެ. ނަމަވެސް ތިބާގެ ވެރި رَبُّ ގެ އަމުރުފުޅު އައި ހިނދު، އެތަކެތި ތިބާއަކަށް މަންފާއެއް ނުކުރިއެވެ.  އެހެންވެ ތިބާ ދުނިޔޭގައި އުޅުނު ގެ ޤަބުރަށްވެ، ތިބާ އެއްކުރި ތަކެތި ގެއްލިގެން ދެއެވެ. ތިބާގެ މުދާތައް ވާރުތަވެރިންގެ މެދުގައި ބަހާލެވިގެން ދެއެވެ. ތިބާގެ ޙަޔާތުގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ ތިބާގެ މަތިން ހަނދާން ނައްތާލުމަށް ފަހު އެހެން މީހަކު އިޚްތިޔާރުކުރެއެވެ. އަދި ތިބާގެ މައްޗަށް ﷲ ވަޢުދުކުރެއްވި ކަންތައް އަތުވެދެއެވެ.

މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ވަންއިސްލާމް ބްލޮގްއިން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް