އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު ތަފަތު ބޮޑު ނަތީޖާއަކުން އެސްޓަން ވިލާ ކާމިޔާބު ކޮށްފިއެވެ.
ރޭ އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި އެޓީމުން ލިވަޕޫލް ބަލިކޮށްފައިވަނީ 2-7 ގެ ބޮޑު ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް އެސްޓަން ވިލާއާއި ދެކޮޅަށް ލިވަޕޫލް ނިކުތްއިރު، އެޓީމުގެ ތިއާގޯ އަލްކަންޓަރާ އަދި ފޯވާޑް ސަޑިއޯ މާނޭ ކޮވިޑް-19 އަށް ޕޮޒިޓިވް ވެ އައިސޮލޭޝަނުގައި ތިބުމުން ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ. މީގެ އިތުރުންވެސް ރޭގެ މެޗުގައި ލިވަޕޫލްއިން ކުޅެފައިވަނީ މުހިންމު ބައެއް ކުޅުންތެރިން ނުލައެވެ. އޭހެ ތެރޭގައި ގޯލް ކީޕަރ އެލިސަން ބެކާ ހިމެނެއެވެ.
ރޭގެ މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ، އެސްޓަން ވިލާއިން މެޗުގެ ލީޑު ނެގިއެވެ. އެގޮތުން މެޗުގެ4 ވަނަ މިނެޓުގައި އެސްޓަން ވިލާއަށް ލީޑު ނަގައިދިނީ އޮލީ ވަޓްކިންސް އެވެ. އޭގެފަހުން ވަޓްކިންސް އެސްޓަން ވިލާ އަށް ދެ ވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްފައި ވަނިކޮށް ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ލިވަޕޫލްއަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްދީފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޓަން ވިލާ އިން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް އަތުލައިފަ އެވެ. މި ހާފުގައި ވަޓްކިންސް ހެޓްރިކް ފުރިހަމަ ކުރިއިރު އަނެއް ލަނޑު ޖެހީ ޖޯން މެގިން އެވެ.
އެސްޓަން ވިލާއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެ ވަނަ ހާފުގައި ވެސް އެސްޓަން ވިލާއިން ދެއްކީ ރަނގަޅު ކުޅުމެކެވެ. އެގޮތުން އެޓީމުން ވަނީ އިތުރު ތިން ލަނޑު ޖަހައިފަ އެވެ. މީގެ ތެރެއިން އެއް ލަނޑު ރޮސް ބާކްލީ ޖެހިއިރު އަނެއް ދެ ލަނޑު ޖެހީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޖެކް ގްރީލިޝް އެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ޖަހައިދިނީ މުޙައްމަދު ސަލާހް އެވެ.
ރޭގެ މެޗުގައި ލިވަޕޫލް ބޮޑު ތަފާތަކުން ބަލިވިއިރު ވަރުގަދަ މެންޗެސްޓަރ ޔުނައިޓެޑް ވެސް ވަނީ ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން 1-6 އިން ބަލިވެފަ އެވެ.
ރޭ ލީގުގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވިއިރު، ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާ އެކު އެޓީމު މިވަގުތު އޮތީ ޕޮއިންޓު ތާވަލްގެ ފަސް ވަނައިގަ އެވެ. އެސްޓަން ވިލާ އިން މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައި ވާއިރު، އެޓީމު އޮތީ 9 ޕޮއިންޓާ އެކު ޕޮއިންޓު ތާވަލުގެ ދެ ވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް