އެމްޖޭއޭ ގެ އިންތިޚާބު ބާއްވާ އެކްސްކޯއަށް މެމްބަރުން ހޮވައިފި

މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އިންތިޚާބު ބާއްވާ، އެކްސްކޯ އަށް މެމްބަރުން ހޮވައިފިއެވެ. އޮންލައިންކޮށް މިއަދު ހަވީރު ބޭއްވި އިންތިޚާބުގައި އެމްޖޭއޭގެ ރައީސްގެ މަގާމަށް ހޮވުނީ "މިހާރ...

05 Sep 2020 | 15:31

މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އިންތިޚާބު ބާއްވާ، އެކްސްކޯ އަށް މެމްބަރުން ހޮވައިފިއެވެ.

އޮންލައިންކޮށް މިއަދު ހަވީރު ބޭއްވި އިންތިޚާބުގައި އެމްޖޭއޭގެ ރައީސްގެ މަގާމަށް ހޮވުނީ "މިހާރު"ގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ހަމްދޫންއެވެ. ނައިބު ރައީސަކަށް ހޮވުނީ "ވަން އޮންލައިން"ގެ މެނޭޖިންގ އެޑިޓަރު އަހުމަދު ރިފްޝާން އެވެ.

ހިންގާ ސެކްރެޓަރީއަކަށް "ސަން" އޮންލައިންގެ މެނޭޖިންގ އެޑިޓަރު އަހުމަދު ނާއިފް ހޮވުނު އިރު، ބަޖެޓު ސެކްރެޓަރީއަކަށް ހޮވުނީ "ޖަޒީރާ" އޮންލައިންގެ ނާޒިމް ހަސަން އެވެ. އަދި ޢާންމު މެމްބަރުންގެ ގޮތުގައި ހޮވުނީ ފްރީލާންސް ޖަރނަލިސްޓް މުހައްމަދު ޖުނެއިދު އަދި "ސީއެންއެމް"ގެ ނޫސްވެރިޔާ ފާތިމަތު ސާޔާ އަހުމަދެވެ.

އާއްމު ދެ މެމްބަރުން ފިޔަވައި އެހެން މަގާމުތަކަށް ކުރިމަތިލި މެމްބަރުންނަށް ވޯޓަށް އަހާފައިވަނީ އެއްކޮށެވެ.

130 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވި މިޖަލްސާ ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ އިރު، ވޯޓުލުން ބާއްވާފައިވަނީ ޓެލެގްރާމް މެދުވެރިކޮށްގެންނެވެ.

ރައީސްގެ މަގާމަށް ހޮވުނު ހަމްދޫނަށް 66 ވޯޓު ލިބުނުއިރު އޭނާއާ ވާދަކުރި، "ދުވަސް"ގެ އެޑިޓަރު އަދި އެމްއެމްސީގެ މެމްބަރު އަޒްމީ އަލީ އަށް ލިބިފައިވަނީ 59 ވޯޓެވެ. ނައިބު ރައީސްކަމަށް ހޮވުނު ރިފްޝާނަށް ލިބުނީ 65 ވޯޓެވެ. އޭނާއާ ވާދަކުރި "ވޮއިސް"ގެ ސީއޯއޯ އަހުމަދު ޝައުޒަމަށް ލިބުނީ 63 ވޯޓެވެ.

ޖެނެރަލް ސެކްރެޓަރީކަމަށް ހޮވުނު ނާއިފަށް 64 ވޯޓު ލިބުނީ އޭނާއާ ވާދަކުރި "ދަ ޕްރެސް"ގެ ނިމާ ހަސަން އާވާދަކޮށްގެނެވެ. ނިމާއަށް ލިބިފައި ވަނީ 60 ވޯޓެވެ. އަދި ބަޖެޓު ސެކްރެޓަރީއަކަށް ހޮވުނު ނާޒިމަށް 73 ވޯޓު ލިބުނު އިރު، އޭނާއާ ވާދަކުރި "ވަގުތު"ގެ ސީނިއަރ ޖަރނަލިސްޓް ނަޒާހަތު ރަޝީދަށް ލިބިފައިވަނީ 54 ވޯޓެވެ.

އެމްޖޭއޭ އަކީ ނޫސްވެރިކަމާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މީގެ 11 އަހަރުކުރިން އުފެއްދި ޖަމިއްޔާއެކެވެ.

ނަމަވެސް ތަފާތު އެކި ސަބަބުތަކާހެދި އެ ޖަމިއްޔާގެ މަސައްކަތްތައް މިހާތަނަށް އޮތީ މަޑުޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް