ރޮނާލްޑޯ އަށް އަނިޔާވީ ކުޅަނދުރު ކައްޓެއް ޖަހައިގެން

ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަނިޔާވެފައިވަނީ އޭނާގެ ފައިގެ ބޮޑުވާ އިނގިއްޔަށް ކުޅަނދުރު ކައްޓެއް ޖަހައިގެން އިނގިލީގައި އިންފެކްޝަނެއް އުފެދިގެން ކަމުގައި ޕޯޗުގަލް ގައުމީޓީމުގެ ކޯޗު ފެ...

05 Sep 2020 | 14:47

ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަނިޔާވެފައިވަނީ އޭނާގެ ފައިގެ ބޮޑުވާ އިނގިއްޔަށް ކުޅަނދުރު ކައްޓެއް ޖަހައިގެން އިނގިލީގައި އިންފެކްޝަނެއް އުފެދިގެން ކަމުގައި ޕޯޗުގަލް ގައުމީޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ކްރޮއޭޝިއާ ދެކޮޅަށް ޕޯޗުގަލް ކުޅެން ހަމަ ޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ރޮނާލްޑޯގެ ކަނާތު ފައިގެ ބޮޑުވާ އިނގިއްޔަށް ކުޅަނދުރު ކައްޓެއް ޖެހުމުގެ ސަބަބުން އިނގިލީގައި އިންފެކްޝަން އުފެދި ލިބުނު އަނިޔާއާއި ގުޅިގެން މިރޭ ކްރޮއޭޝިއާ އާއި ދެކޮޅަށް ރޮނާލްޑޯ ނުކުޅޭނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ސަންޓޯސް ބުނީ ރޮނާލްޑޯގެ ވާތު ފައިގެ ބޮޑުވާ އިނގިއްޔަށް ކުޅަނދުރު ކައްޓެއް ޖެހުމުގެ ސަބަބުން އިންފެކްޝަން އުފެދި އޭގެ އަސަރު ރޮނާލްޑޯގެ ހަށިގަނޑަށް ވެސް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރޮނާލްޑޯގެ ފަޔާއި ލޯމަތި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށް ވެސް ސަންޓޯސް ބުނެޏެވެ.

އެގޮތުން މެޗުގެ ކުރިން ބޭއްވި ފަރިތަކުރުން ތަކުގައިވެސް ރޮނާލްޑޯ ބައިވެރި ވެފައި ނުވާއިރު، ރޮނާލްޑޯ އަންނަނީ މި އިންފެކްޝަންއަށް ފަރުވާ ހޯދަމުންނެވެ. އެގޮތުން މިހާރު ޑޮކްޓަރަށް ދެއްކުމަށް ފަހު އިންފެކްޝަން ނައްތާލަން އެންޓިބަޔޮޓިކް އެއް ބޭނުން ކުރަމުން އަންނަ ކަމަށް ކޯޗު ސަންޓޯސް ބުނެފައިވެއެވެ. އަދި މިހާރު ރޮނާލްޑޯގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ސަންޓޯސް ކިޔައިދިން ގޮތުގައި ރޮނާލްޑޯއަށް މިކަން ދިމާވީ އޭނާ ވަރަށް ރަނގަޅަށް ފަރިތަކުރުންތަކުގައި ބައިވެރިވެ، ފަރިތަކުރަމުން ދަނިކޮށް މާ ބޮޑަށް އިނގިލީގައި ރިއްސާތީ ބެލުމުން ކަމަށެވެ. އަދި ރޮނާލްޑޯގެ ފައިގެ ބޮޑުވާ އިނގިލި އޮތީ ވަރަށް ބޮޑަށް ދުޅަވެ ރަތް ވެފައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި އެ އިންފެކްޝަނުގެ އަސަރު މުޅި ހަށިގަނޑަށް ވެސް ކޮށްފައިވާ ކަމަށް ވެސް ސަންޓޯސް ބުނެފައިވެއެވެ.

" ފަރިތަކުރުން ތަކުގައި ރޮނާލްޑޯ ދިޔައީ ވަރަށް ރަނގަޅަށް ފަރިތަކުރަމުން. ކުއްލިއަކަށް ފައިގެ އިނގިލީގައި ވަރަށް ބޮޑަށް ރިއްސާ ވާހަކަ ބުނީމަ އަހަރެން ގޮސް ބެލީ. ބަލާލި އިރު އިނގިލި އޮތީ ދުޅަވެ ރަތް އަރާފަ. ދެން ދިޔައީ ޑޮކްޓަރަށް ފަރުވާ ހޯދަން. އެހިސާބުން ކުޅަނދުރު ކަށި ޖަހާފަ ކަން އެގުނީ" ކޯޗު ބުންޏެވެ.

ސަންޓޯސް ބުނީ ރޮނާލްޑޯ ހުރީ ވަރަށް ރަނގަޅަށް ޕޯޗުގަލް ކުޅޭ މެޗުތަކަށް ތައްޔާރުވެގެން ވަރަށް ފިޓް ކޮށް ކަމަށެވެ. ނަމަވެސް ލިބުު ކުޑަކުޑަ އަނިޔާއެއްގެ ސަބަބުން މިރޭގެ މެޗުގައި ރޮނާލްޑޯ އަށް ކުޅެވޭ ގޮތް ނުވީ ކަމަށެވެ. އެހެން ނަމަވެސް ދެން ސްވިޑެންއާއި ދެކޮޅަށް ކުޅެން އޮތް މެޗުގައި ރޮނާލްޑޯ ފެނިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށް  ސަންޓޯސް ބުނެފައިވެއެވެ.

2003 ވަނަ އަހަރު ޕޯޗުގަލްގެ ގައުމީޓީމަށް ކުޅެން ފެށި ރޮނާލްޑޯ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލް ގައުމީޓީމަށް 164 މެޗު ކުޅެދީ 99 ލަނޑު ޖަހައިދީފައެވެ.

ޕޯޗުގަލް އަކީ އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަނުންނެވެ. މި ދެ މުބާރާތުގައިވެސް ޕޯޗުގަލް އިން ތަށި އުފުލާލާފައިވަނީ މިހާރުގެ ވެސް ހެޑް ކޯޗެއްގެ ގޮތުގައި ހުރި ފެނާންޑޯ ސަންޓޯސްގެ ކޯޗުކަމުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް