އެއްވެސް މީޑިއާއެއް އުވާލަން ތާއީދެއް ނުކުރަން: ރައީސް ނަޝީދު

އެއްވެސް މީޑިއާއެއް އުވާލަން ގޮވާލުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިހެން ވިދާޅުވީ ޗެނަލް 13 އިން ވަގުތުން ބްރޯޑްކާސްޓު ކުރި ޕްރޮގ...

05 Sep 2020 | 12:35

އެއްވެސް މީޑިއާއެއް އުވާލަން ގޮވާލުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ޗެނަލް 13 އިން ވަގުތުން ބްރޯޑްކާސްޓު ކުރި ޕްރޮގްރާމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލައި މީހަކު ވާހަަ ދެއްކުމާއި ގުޅިގން އެ ޗެނަލް ބަންދު ކުރުމަށް ގޮވާލާ ސޯޝަލް މީޑިއާގައި އާންމުން ގޮވާލާ ހިޔާލުފާޅު ކުރަމުން ދަނިކޮށް ކުރެއްވި ޓުވީޓެއްގައި އެވެ.

ނަޝީދު ވިދަޅުވީ އެއްވެސް މީޑިއާއެއް އުވާލަން ބުނުމަކީ އެދެވޭ ގޮތެއް ނޫން ކަމަށެވެ. އެކަމަކު އެއްވެސް މީޑިއާ އަކުން ނަފުރަތާއި ފިތުނަ ފަސާދަ އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނަފުރަތާއި ފަސާދަ އުފެދޭގޮތަށް މައުލޫމާތު ގެނެސްދޭ މީޑިއާތަކުގެ އަޑު ނޭހުމަށާއި އެ މީޑިއާތަކުން ދައްކާ ވާހަކަ ގަބޫލް ނުކުރުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

https://twitter.com/MohamedNasheed/status/1302221337490939905

ޗެނަލް 13 އިން އެ ވާހަކަތައް ވަގުތުން ބްރޯޑްކާސްޓު ކުރި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. މި މައްސަލައިގަ ފުލުހުން ބުނީ އެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.

މި މައްސަލައިގަ އާންމުންގެ ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ޗެނަލް ތޭރައިން ވަނީ އެމީހާގެ ވާހަކަތައް ބްރޯޑްކާސްޓު ކުރެވިފައިވާތީ މައާފަށް އެދިފައި އެވެ. ޗެނަލް 13 އިން ބުނީ ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން އެ މީހާ ބުނީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް މާފަށް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް