އެއްވެސް ކޭސް އަކާއި ގުޅުން ނެތް ދެ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެ ގދ. ހޯނޑެއްދޫގައި ބަލި ފެތުރެން ފަށައިފި އެވެ.
އެޗްއީއޯސީން ބުނީ އެ ރަށުން މިހާތަނަށް ޓެސްޓު ކުރި 36 މީހުންގެ ތެރެއިން 19 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. ޕޮސިޓިވްވެފައިވާ އެންމެންނަކީ އެ ދެމީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވި މީހުން ނެވެ.
ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި އަށް އަންހެނުންނެވެ. ޕޮސިޓިވްވި މީހުންގެ އުމުރު ފުރާތަކަށް ބަލާއިރު އެއް އަހަރުން ދަށުގެ ދެ ކުދިންނާއި އެއް އަހަރާއި 18 އަހަރާއި ދެމެދުގެ އަށް ކުދިންނާއި 18 އަހަރާއި 50 އަހަރާއި ދެމެދުގެ ހަތް މީހުންނާއި 50 އަހަރުން މަތީގެ ދެ މީހުން ހިމެނެ އެވެ.
އެޗްއީއޯސީން ވަނީ އެ ރަށުގައި ބަލި ފެތުރެމުންދާކަން ހާމަކޮށްފައި އެވެ. އަދި ހޯނޑެއްދޫ ކޭސްތަކާއި ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ބުނެ އެވެ.
ހޯނޑެއްދޫގެ އިތުރުން ކޯވިޑް-19 ރާއްޖެއިން ފެނުނު ފަހުން އާންމުންގެ މެދުގައި ބަލި ފެތުރިފައިވަނީ ށ. ނަރުދޫގައި އެކަންޏެވެ. އެ ރަށުން ޕޮސިޓިވްވި މީހާގެ ފަރާތުން ނުވަ މީހުންނަށް ބަލި ޖެހިފައިވެ އެވެ. އެ އެންމެން މިހާރު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިހާރު އަތޮޅު ތެރޭގެ 39 ރަށެއްގައި ކޯވިޑް-19 އަށް ޕޮސިޓިވް މީހުން ތިބި އިރު އެ އެންމެންނަކީ ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ. އެމީހުންގެ ފަރާތުން ރަށު ތެރޭގައި ބަލި ފެތުރުުގެ ފުރުސަތު ނެތްކަން ވަނީ ކަށަވަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް