ބޭންކް އޮފް މޯލްޑިވިވްސްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ކެލާ ސްކޫލް ކައިރީގައި "ފިނި ޕާކް" އެއް ހަދައިފި އެވެ.
ބީއެމްއެލްގެ އެހީގައި މި މަސައްކަތްކުރީ ކެލާ އައިޑިޔާސް ޖަމިއްޔާއިންނެވެ.
އެޖަމިއްޔާއިން ވަނީ ކެލާ ސްކޫލް ކައިރީގަި ހުރި ހިޔާ ދޭ ބޮޑެތި ގަސްތައް ކައިރީގައި ބެލެނިވެރިންނަށް އިށީދެވޭ ގޮތަށް ހިތްފަސޭހަ މައިދާނެއް ހަދާފައި އެވެ. އަދި ބައިސްކަލްތައް ޕާކު ކުރާނެ ހާއްސަ ޖާގައެއް ހަދާފައި އެވެ.
ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ކެލާގައި ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓަކީ ސްކޫލްދަރިވަރުންނާއި ބެލެނިވެރިންނަށް ފަސޭހަތަކެއް ހޯދައި ދެވުނު ކަމަކަށް ވާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ ތިމާވެއްޓާއި ވަރަށް ރައްޓެހި ގޮތަކަށް ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށް ވިދުވި އެވެ.
"ކޮމިއުނިޓީ ފަންޑުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް ބޭންކުން މިދަނީ އެހީތެރިވަމުން. އައިޑިއާސް ޖަމިއްޔާއިން ކެލާގައި މި ނިންމި ޕްރޮޖެކްޓަކީ ރަށުގެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ފަސޭހަތަކެއް ހޯދައިދެވުނު އަދި ހަމައެހެންމެ ތިމާވެށްޓާ ރަށްޓެހި ޕްރެޖެކްޓެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ކެލާގެ ރައްޔިތުން ބަލައިގަންނާނެ ޕްރޮޖެކްޓަކަށް ވެގެން ދިޔުން." ސައީދު ވިދާޅުވި އެވެ.
"ބައިސްކަލްގައި ކުދިން ސްކޫލަށް ގޮވައިގެންދާ ބެލެނިވެރިންވެސް އަދި ސްކޫލް ދަރިވަރުންވެސް ސްކޫލަށް ވަނުމުގެ ކުރިން ތިބެންޖެހެނީ ކޮޅަށް، ބައެއްފަހަރު އަވިދޭ ގޮތަށް. މީގެ އިތުރުން ބައިސްކަލް ޕާކް ކުރުމަށް ވަކި ސަރަހައްދެއް ނެތުމުން އެކި ދިމަދިމާލުގައި ބައިސްކަލް ޕާކްކޮށްފައި ބަހައްޓާ. އަޅުގަނޑުމެން ވިސްނީ މިފަދަ ޕްރޮޖެކްޓަކުން ދޭ މާލީ އެހީއަށް ބަލާއިރު މިއީ ރަށަށް މިވަގުތަށް އެންމެ ބޭނުންވާ އެއް ކަމެއްގެ ގޮތުގަ. އެ ގޮތުން ސްކޫލު ސަރަހައްދުގައި ހުރި ގަސްތަކުގެ ބޭނުން ހިފައި ބެލެނިވެރިންނަށް ހިޔާ ވެވޭނެ ބެންޗުތަކެއް ބަހައްޓަައި އަދި ބައިސްކަލްތައް ބެހެއްޓުމަށް ހާއްސަ ޕާކިންގެ އޭރިއާއެއް ހަދަން ނިންމީ އަޅުގަނޑުމެންގެ ތެރޭކުރެވުނު މަޝްވަރާތަކަށްފަހު. މި ޕްރޮޖެކްޓަށް ރަށުގެ ރައްޔިތުންނާއި ޖަމިއްޔާގެ ގިނަ މެންބަރުންގެ އެހީތެރިކަން ލިބިގެން ދިޔަ. މި ފުރުސަތުގައި ބީއެމްއެލްއަށާއި އެހޭތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. މަސައްކަތް އެއްކޮށް ނިންމާލެވި، އައިޑިއާސްގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީތީ ވަރަށް އުފާކުރަން." އައިޑިއާސްގެ އޮފިޝަލަކު ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތުމިމަހުގެ ނުވަ ވަނަދުވަހާއި ހަމަޔަށް މިވަނީ ހުޅުވާލެވިފައެވެ.
މި ފިޔަވަހީގެ ދަށުން ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް