ހަނގުރާމަތަކުގައި މަރުވި އެމެރިކާ ސިފައިންނަށް ޓްރަމްޕު މަލާމާތެއް ނުކުރައްވާ: ވައިޓް ހައުސް

އެމެރިކާ ބައިވެރި ހަނގުރާމަތަކުގައި މަރުވި އެމެރިކާ ސިފައިންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މަލާމާތް ނުކުރައްވާ ކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ...

05 Sep 2020 | 07:33

އެމެރިކާ ބައިވެރި ހަނގުރާމަތަކުގައި މަރުވި އެމެރިކާ ސިފައިންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މަލާމާތް ނުކުރައްވާ ކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާއި ވައިޓްހައުސްގެ ކުރީގެ ތަރުޖަމާނު ސާރާ ސޭންޑާސް، ޓްރަމްޕުގެ މި ޢަމަލު ދިފާޢު ކުރައްވާ ވާހަކަ ދައްކަވާފައި މިވަނީ އެގައުމު ބައިވެރިވި ހަނގުރާމަތަކުގައި މަރުވި އެމެރިކާ ސިފައިންނަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަލާމާތް ކުރެއްވި ކަމަށް ދުނިޔޭގެ ބައެއް މީޑިއާތަކުން ރިޕޯޓުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕު ދިފާޢު ކުރައްވާ ޕޮމްޕެއީ އާއި ސާރާ ވިދާޅުވެފައިވަނީ ޓްރަމްޕް ފްރާންސަށް ކުރެއްވި ދަތުރުގައި އެ ދެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި ހުރިހާ ވަގުތެއްގައިހެން އެކުގައި އުޅުއްވި ކަމަށެވެ.

އެހެންކަމުން ޓްރަމްޕު އެފަދަ ވާހަކަފުޅެއް ދެއްކެވިނަމަ، އެނގޭނޭ ކަމަށާއި އެފަދަ ގޮތަށް ޓްރަމްޕު ވާހަކަ ނުދައްކަވާ ކަމަށްވެސް އެ ދެ ބޭފުޅުން ވިދާޅުވިއެވެ.

ނަމަވެސް އެމެރިކާގެ އެޓްލާންޓިކް މެގަޒިން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފްރާންސަށް 2018 ވަނަ އަހަރު ޓްރަމްޕް ކުރެއްވި ދަތުރުފުޅުގައި، އެގައުމުގެ ވެރިރަށް ޕެރިހުގެ ބޭރުގައި ހުރި އެމެރިކާގެ ގަބުރުސްތާނަކަށް ޒިޔާރަތް ކުރައްވަން ޓްރަމްޕު ވަނީ ދެކޮޅު ހައްދަވާފައެވެ.

ޓްރަމްޕް އެ ގަބުރުސްތާނަށް ވަޑައިގަންނަވަން ދެކޮޅު ހެއްދެވީ އެތަނަކީ  "ހަނގުރާމައިން ބަލިވި މީހުން" ވަޅުލާފައިވާ ތަނެއް ކަމަށް ވިދާޅުވެ ކަމަށާއި އެ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންނަށް ރައްދު ކުރައްވާ އިހާނެތިކޮށް ފަހުންވެސް ޓްރަމްޕް ވާހަކަ ދައްކަވާފައިވާކަމަށް އެ މެގަޒިންގައި ވަނީ ރިޕޯޓުކޮށްފައެވެ.

އެ ގަބުރުސްތާނަކީ 1918 ވަނަ އަހަރު، ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަނުގެ ސިފައިން ޕެރިހަށް އެރުން ހުއްޓުވުމަށް ފްރާންސާއި އެމެރިކާއާއި އިނގިރޭސި ސިފައިން ކުރި ހަނގުރާމައިގައި މަރުވި ގިނަ އަދަދެއްގެ އެމެރިކާ ސިފައިން ވަޅުލާފައިވާ ތަނެވެ.

ނަން ހާމަ ނުކުރުމަށް އެދޭ ފަރާތަކާ ހަވާލާދީ އެ މެގަޒިންގައިވާ ރިޕޯޓު ރައީސް ޓްރަމްޕުވެސް ވަނީ ދޮގު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް