ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރާ ޓޫރިސްޓުން ކޯވިޑަށް ޓެސްޓު ކޮށްދިނުމުގެ މަސައްކަތް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮށްދޭން ނިންމައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލި ގައިޑްލައިނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށް ފަހު ޓޫރިޒަމް ދާއިރާ ހުޅުވާލުމުގެ ކުރިން ނިންމާފައިވަނީ ރާއްޖެއިން ފުރާ ޓޫރިސްޓުން ކޯވިޑަށް ޓެސްޓު ކުރުން ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނާއި ގުޅިގެން ކުރިޔަށް ގެންދާށެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ޓެސްޓު ހެދޭގޮތަށް ރިސޯޓުތަކާއި އެކު މަޝްވަރާ ކުރެވިފައިވެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މަޝްވަރާ ކުރެވުނު ގޮތަށް ކަންކަން ކުރިޔަށް ނުގޮސް ޓޫރިސްޓުންނަށް ރާއްޖެއިން ފުރުމުގައި ދަތިތަކާއި ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ އެ ސެންޓަރުން މަޝްވަރާ ކުރުމަށް ފަހު ނިންމީ ޓޫރިސްޓުން ފުރުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޗުއްޓީ ނިންމުމަށް ފަހު ރާއްޖެއިން ފުރާ ޓޫރިސްޓުންގެ މައުލޫމާތު ދުރާލާ އެޗްއީއޯސީއަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އޭރުން ވަކި ޝެޑިއުލްއެއްގެ ދަށުން ސާމްޕަލްތައް ނަގައި އެ ޓޫރިސްޓުން ފުރުމުގެ ކުރިން ކޯވިޑްގެ ނަތީޖާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.
ބައެއް ގައުމުތަކަށް އެތެރެވާއިރު ކޯވިޑަށް ނެގެޓިވްކަން އަންގައިދޭ ޓެސްޓުގެ ނަތީޖާއެއް އޮންނަން ޖެހެ އެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ އެ އިންތިޒާމް ހަމަޖެއްސުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޯވިޑަށް ޓެސްޓު ކުރެވޭ ގޮތް ހެދުމަށް ޗައިނާއިން ޕީސީއާރު މެޝިނެއް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފަހުން އޭގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް