ޖަޕާނުގައި މަތީ ތައުލީމަށް ކިޔެވުމުގެ 24 ސްކޮލަޝިޕް ފުރުސަތު ދެނީ

ރާއްޖެ އަށް ޖަޕާނުން މަތީ ތައުލީމުގެ ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ...

05 Aug 2020 | 17:42

ރާއްޖެ އަށް ޖަޕާނުން މަތީ ތައުލީމުގެ ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

މި އެއްބަސްވުމުގެ ދަށުން ހަތަރު އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު ދިވެހި ހަ ދަރިވަރަކަށް މަތީ ތައުލީމް ހާސިލްކުރުމަށް ޖަޕާނަށް ދިޔުމަށް ފުރުސަތު ލިބޭނެއެވެ.

އެ ސްކޮލަޝިޕްތަކުގައި ކިޔެވުމުގެ އަގު 19 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޖަޕާނުން ސަރުކާރުން ވެދެއްވި މި އެހީތެރިކަމަށް ޖަޕާނު ސަރުކާރަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޯވިޑް-19 އާ ގުޅިގެން ޔުނިސެފު މެދުވެރިކޮށް 356،400 ޑޮލަރުގެ އެހީއަކާއި ރެޑް ކްރެސެންޓް މެދުވެރިކޮށް 185،000 ޑޮލަރުގެ އެހީއެއް އަދި ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން ޑޮލަރުގެ އެހީ ޖަޕާނުން ރާއްޖެ އަށް ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް