ލުބުނާނުގެ ވެރިރަށް ބރޫތްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި އިމާރާތްތަކަށް ގުޑުން އަރައި ލިބުނު ގެއްލުންތަކުގައި 250،000 މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.
އެ ގޮވުންތައް ގޮވާފައިވަނީ ބޭރޫތުގެ ވިޔަފާރި ބަނދަރު ހިމެނޭ ސަރަހައްދުގައި ހުރި ކެމިލަކް ގުދަނެއްގައި އެވެ. އެެ ގުދަނުގައި ކެމިކަލްގެ ބާވަތެއް ކަމަށްވާ އެމޯނިއަމް ނައިޓްރޭޓުގެ 2،750 ޓަނު ރައްކާކޮށްފައި ހުންނަތާ ހަ އަހަރު ވެއްޖެ ކަމަށް ގައުމުގެ އޮފިޝަލުން ހާމަކުރެ އެވެ.
މި ހާދިސާގައި އެ ސަރަހައްދު އެއްކޮށް ބިމާ ހަމަވެފައިވާއިރު އެތައް މޭލެއް ދުރުގައި ހުރި އިމާރާތްތަކަށް އަސަރުކޮށްފައިވެ އެވެ. އަދި ގޮވުމުގެ އަޑު 150 މޭލު ދުރުގައި އޮންނަ ސައިޕްރަސްގެ ނިކޯސިއާއާ ހަމައަށް އިވުނު ކަމަށްވެ އެވެ.
މި ހާދިސާގައި އެތައް އިމާރާތެއް ބިމާ ހަމަވެފައިވާއިރު އެތައް އިމާރާތެއްގައި މީހުން ނޫޅެވޭވަރަށް ވަނީ ތަކެއްޗަށް ގެއްލުން ލިބިފައި އެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާގައި 100 އެއްހާ މީހުން މަރުވެ 4،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ.
މީގެ އިތުރުން އިމާރާތްތަކަށް ލިބުނު ގެއްލުންތަކާއި ގުޅިގެން 250،000 މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވެ އެވެ. އަދި އަނިޔާވެފައިވާ މީހުން އިމާރާތްތަކުގެ ދަށުން ނެގުމުގެ މަސައްކަތް ރެސްކިއު ޓީމްތަކުން ދަނީ ކުރަމުންނެވެ.
ލުބުނާނުގެ ޖެނެރަލް ސެކިއުރިޓީގެ ވެރިޔާ އައްބާސް އިބްރާހިމް ވިދާޅުވީ ކެމިކަލް ރައްކާކޮށްފައި ހުންނަތާ ހަ އަހަރު ވެއްޖެ ކަމަށާއި ގުދަން ގޮވީ އެ ތަކެތި އެފްރިކާ އަށް ގެންދިއުމަށް ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ.
އެމޯނިއަމް ނައިޓްރޭޓަކީ ގަސްކާނާ ހެދުމުގައި އާންމުކޮށް ބޭނުންކުރާ އިންޑަސްޓްރިއަލް ކެމިކަލެކެވެ. މިއީ ގަހަށް ބޭނުންވާ ނައިޓްރޮޖެން ލިއްބައިދޭ ރަނގަޅު ބާވަތެކެވެ. މައިންތަކުގައި ގޮވާ ގޮވުންތަކުގެ މައިގަނޑު ސަބަބަކަށް ވެސް މި ކެމިކަލްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް