މިފްކޯގެ ތަރައްގީއަށް އިންޑިއާގެ އެހީގައި 277 މިލިއަން ރުފިޔާގެ މަޝްރޫއެއް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް ލިމިޓެޑް، މިފްކޯގެ ތަރައްގީއަށް އިންޑިއާގެ އެހީގައި 277 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގުމަށް ނިންމައިފިއެވެ. މިއީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯ...

05 Aug 2020 | 08:07

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް ލިމިޓެޑް، މިފްކޯގެ ތަރައްގީއަށް އިންޑިއާގެ އެހީގައި 277 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގުމަށް ނިންމައިފިއެވެ.

މިއީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މިކަމާއި ބެހޭގޮތުން އިންޑިއާގެ ހައި ކޮމިޝަނުން ބުނެފައިވާގޮތުގައި މަސްވެރިކަމަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ، ދިވެހިރާއްޖޭގެ އިގްތިސާދުގެ އެއް މައިނާރެވެ. އަދި ކޮވިޑް-19ގެ ސަބަބުން އިގްތިސާދު މަޑުޖެހިފައި މިވީ ދަނޑިވަޅުގައި މަސްވެރިކަމަކީ ވަޒީފާއާއި އާމްދަނީ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ދާއިރާއެކެވެ. އެހެންކަމުން، ދިވެހިސަރުކާރުގެ އެދިލެއްވުމުގެ މަތިން އިންޑިއާ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް ފޯރުކޮށްދެވިފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތަށް އިތުރުކޮށް ބިނާ ކުރުމަށް މާލީ އެހީ ފޯރުކޮށްދޭން ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސް ކަލެކްޓްކޮށް ބަހެއްޓޭނޭ ސްޓޯރޭޖް ފެސިލިޓީ ގައިމްކޮށް 'ޓޫނާ ކުކްޑް ލޮއިންސް' ޕްލާންޓަކާއި 'ފިޝްމީލް' ޕްލާންޓެއް ގާއިމްކުރުމާއި ގދ. ގެމަނަފުށީގައި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް 100 މެޓްރިކް ޓަނުގެ އައިސް ސްޓޯރެޖް ކެޕޭސިޓީ ގާއިމްކުރުން ހިމެނެއެވެ.

18 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ކޮންސަލްޓެންޓުން ކަންޑައަޅާނީ ދިވެހި ސަރުކާރުންނެވެ.

އިންޑިއާ ހައި ކޮމިޝަނުން ދެކޭގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިން ޒަމާނުއްސުރެ ބޭނުންކުރަމުންދާ ދޮށީގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރު މަސްވެރިކަމެއް ކަން އިންޑިއާއިން ގަބޫލުކުރެއެވެ. އަދި މިފަދަ މަޝްރޫއުއެއްގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެތަށް ކުރިއެރުންތަކެއް ލިބޭނޭކަމަށް ގަބޫލުކުރެވެއެވެ. އެގޮތުން އާ މާކެޓްތަކެއް ހުޅުވި، މަސް ކަލެކްޓްކޮށް ބެހެއްޓުމުގެ ސްޓޯރެޖް ކެޕޭސިޓީ އިތުރުވެ، ކަލެކްޝަން އޮޕްރޭޝަންތަކުގެ އެފިޝެންސީ އިތުރުވެ، އައިސް ޕްލާންޓްތައް އަޕްގްރޭޑް ކުރެވި، މަސްވެރިކަމުން އާމްދަނީ ލިބޭ މަގުތަށް އިތުރުވެގެންދާނެއެވެ. އަދި މި މަޝްރޫއުއާއި، އައްޑޫ ސިޓީ، ކާޝިދޫ އަދި ގާފަރުގައި އިންޑިއާގެ އެހީގެ ދަށުން ގާއިމްކުރެވޭ އެކި ޕްލާންޓްތަކުގެ ސަބަބުން އިންޑިއާއާއި ދިވެހިރާއްޖޭގެ މެދުގައިވާ މަސްވެރިކަމުގެ ދާއިރާގެ އެއްބާރުލުން އިތުރަށް ވަރުގަދަ ވެގެންދާނެއެވެ.

އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފޯރުކޮށްދީފައިވަނީ ދިވެހިރާއްޖެއަށް އެންމެ ފައިދާކުރުވާނޭހެން، 20 އަހަރު ދުވަހުން އަނބުރާ ދައްކާގޮތަށް ފަސް އަހަރުގެ މޮރިޓޯރިއަމް އަކާއި އެކުގައެވެ. ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގޭނޭ މަޝްރޫއުތަކަކީ ދިވެހި ސަރުކާރުން ކަންޑައަޅާ، އިންޑިއާ ސަރުކާރުން އެޕްރޫވް ކޮށްފައިވާ މަޝްރޫއުތަކެކެވެ. ކޮންސަލްޓެންޓުންނާއި ކޮންޓްރެކްޓަރުން ހޮވުމުގެ މަރުހަލާއަކީ ދެފުށްފެންނަ ފަދަ ގޮތަކަށް ދެގައުމުން އެއްބާރުލައިގެންނެވެ. އަދި މަޝްރޫއުތަކުގެ މަސައްކަތުގެ ޓެންޑަރުތަށް ހަވާލުކުރަނީ ދިވެހި ސަރުކާރުންނެވެ. ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގޭ މަޝްރޫއު ކުޑަ ބޮޑުމިނާއި، އެލިޖިބިލިޓީ އަދި ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ގެ ގޮތުން މި މަޝްރޫއު ތަކުގައި ބައިވެރިވެ މަސައްކަތްކުރުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ދަނީ ލިއްބައިދެމުންނެވެ.

އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވާގޮތުގައި މިފްކޯގެ ފެސިލިޓީތަށް އެކްސްޕޭންޑްކުރުމުގެ މި މަޝްރޫގައި ދިވެހި ސަރުކާރާއި ދިވެހިރައްޔިތުންގެ ބައިވެރިއަކަށް ވެވުމަކީ އިންޑިއާއަށް ލިބޭ އުފަލެކެވެ. އަދި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި އެއްބާރުލުންދީ ބައިވެރިވުމުގެ ސަބަބުން އިންޑިއާއާއި ދިވެހިރާއްޖޭގެ މެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހި ވެގެންދާނޭކަން ޔަގީންކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް