ކޯވިޑްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 100 އިން މައްޗަށް!

ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު 100 އިން މަތިވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެކި ފެސިލިޓީތަކުގައި ކޯވިޑް ޖ...

05 Aug 2020 | 04:57

ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު 100 އިން މަތިވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެކި ފެސިލިޓީތަކުގައި ކޯވިޑް ޖެހިފައިވާ 105 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 1،719 މީހުންނަށެވެ.

ކޯވިޑް ޖެހޭ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ފެސިލިޓީތަކުގައި ހުރީ 449 އެނދެވެ، އެއީ މާލޭގައި ދަރުމަވަންތަ ހޮސްޕިޓަލުގައި 18 އެނދު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 250 އެނދު އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ކޯވިޑް މެޖޭޖްމެންޓު ފެސިލިޓީތަކުގައި ހުރި 105 އައިސޮލޭޝަން އެނދާއި 76 އައިސީޔޫ އެނދެވެ.

އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން ޕޮސިޓިވް މީހުންނަށް ފަރުވާ ދެމުންދަނީ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލުގެ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީ އާއި ބ. އޭދަފުށީ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.

ރާއްޖޭގެ ހަ އަތޮޅެއްގެ 10 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވުމެވެ. އެއީ މި ބައްޔަކީ ފަރުވާއެއް ހޯދިފައިވާ ބައްޔަކަށް ނުވާތީ އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު ގިނަ ވާނަމަ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވާނެތީ ކަމަށް ބުނެ އެވެ.

މިހާތަނަށް ކޯވިޑް ޖެހިގެން 19 މީހަކު ރާއްޖެއިން މަރުވެފައި އެވެ. އެޗްޕީއޭއިން ބުނީ ކުރިޔަށް އޮތްތާ މި އަދަދު ދާނީ އިތުރުވަމުން ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް 4،446 މީހުން ޕޮސިޓިވްވެފައިވެ އެވެ. ބަލިން ރަނގަޅުވެފައިވަނީ 2،693 މީހުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް