ގަވައިދު ބުނެދޭން މިސްކިތްތަކުގައި މިނިސްޓްރީ އާއި ކައުންސިލްގެ މުވައްޒަފުން!

އާ އާންމު ހާލަތުގައި މިސްކިތްތަކަށް ނަމާދަށް ދާ މީހުން ގަވައިދަށް އަމަލު ކުރޭތޯ ބަލަން އިސްލާމިކް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން މިސްކިތްތަކުގައި ތިބެން ފަށައިފި އެވެ. އިސްލާމިކް ...

05 Aug 2020 | 04:33

އާ އާންމު ހާލަތުގައި މިސްކިތްތަކަށް ނަމާދަށް ދާ މީހުން ގަވައިދަށް އަމަލު ކުރޭތޯ ބަލަން އިސްލާމިކް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން މިސްކިތްތަކުގައި ތިބެން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މީޑިއާގައި ވިދާޅުވީ މިހާރު މާލޭ ހުރިހާ މިސްކިތެއްގައި އެ މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ކޮންމެ ނަމާދު ގަޑިއެއްގައި ތިބޭނެ ކަމަށެވެ. އެ މުވައްޒަފުންގެ މަސައްކަތަށް ވާނީ މިސްކިތަށް ނަމާދަށް ދާ މީހުން އަމަލު ކުރަމުންދަނީ އެޗްޕީއޭ އާއި އިސްލާމިކް މިނިސްޓްރީން ކޯވިޑާއި ގުޅިގެން އަމަލު ކުރުމަށް އަންގާފައިވާ އުސޫލުތަކަށްތޯ ބެލުމެވެ.

މިސްކިތަށް ދާ މީހުންގެ ތެރެއިން އެޗްޕީއޭގެ އުސޫލުތަކާއި ހިލާފުވާ މީހުން މިސްކިތުން ފޮނުވައެއް ނުލާނެ އެވެ. ނަމަވެސް ހާލަތަށް ބެލުމަށްފަހު އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެ އެވެ.

މިސްކިތްތަކުގައި އަމަލު ކުރުމަށް އެކުލަވާލާފައިވާ ގަވައިދުތަކަށް އަމަލު ކުރަމުން ނުދާކަމަށް މީގެ ކުރިންވެސް މިނިސްޓަރު ވިދާޅުވެފައި އެވެ. އެކަމަކު އޭރު ހުރިހާ މިސްކިތެއްގައި މުވައްޒަފުން ބައިތިއްބައިގެން ގަވައިދަށް އަމަލު ކުރޭތޯ ބެލެން ނެތްކަމަށް ވިދާޅުވެފައިވެ އެވެ.

މިސްކިތްތަކުގައި މުވައްޒަފުން ބޭތިއްބުމުގެ އިތުރުން ފަރުޟު ފަސް ނަމާދަށް ބަންގި ގޮވުމަށް މިސްކިތަށް ދާ މީހުންނަށް އަޑު އިވޭވަރަށް އަމަލު ކުރަން ޖެހޭ ކަންކަމުގެ މައުލޫމާތުގެ ރެކޯޑިން ޖަހަމުންދާ ކަމަށް ވިދާޅުވި އެވެ. މި މައުލޫމާތު ދެނީ ދިވެހި ބަހުންނާއި ބެންގޯލީ ބަހުންނެވެ.

މިސްކިތްތަކަށް ދާއިރު އަމަލު ކުރުމަށް އެކުލަވާލާފައިވާ ގަވައިދުގައި ބުނެފައިިވާ ގޮތުން، މިސްކިތަށް ދާ މީހުން ދާންޖެހެނީ ގެއިން ވުލޫކޮށްގެންނާއި މުސައްލަ ހިފައިގެންނެވެ. އމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން މިސްކިތަށް ނުދިއުމަށާއި މާސްކު އެޅުމަށް އަންގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް