އިންކަމް ސަޕޯޓު އެލަވަންސް 2،500 އަށްވުރެ ގިނަ މީހުން ދީފި

ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި މީހުންގެ ތެރެއިން ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓު އެލަވަންސްއަށް އެދުނު 2،500 އަށްވުރެ ގިނަ މީހުންނަށް ފައިސާ ދޫކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ބުނީ...

05 Jul 2020 | 07:12

ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި މީހުންގެ ތެރެއިން ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓު އެލަވަންސްއަށް އެދުނު 2،500 އަށްވުރެ ގިނަ މީހުންނަށް ފައިސާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ ހަފްތާގައި އެކަނިވެސް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދުނު 1،450 މީހަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 2،507 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދޫކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި މިހާތަނަށް 10.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އިންކަމް ސަޕޯޓު އެލަވަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އޭޕްރިލް، މެއި އަދި ޖޫން މަހަށެވެ. ކޮންމެ މަހެއްގެ އެލަވަންސްއަށް އެދެން ޖެހެނީ ވަކިން ފޯމު ހުށަހަޅައިގެންނެވެ.

މި އެލަވަންސް ލިބޭނީ ކޯވިޑްގެ ހާލަތާއި ގުޅިގެން ވަޒީފާއިން ވަކި ކުރި މީހުން، ސަސްޕެންޑު ކުރި މީހުން، ނޯ ޕޭއަށް ފޮނުވާލި މީހުން އަދި މުސާރައިން ބައެއް އުނިކުރި މީހުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންނާއި މުސާރައިން ބައެއް އުނި ކުރި މީހުންގެ ތެރެއިން އެލަވަންސް ނިދުމަށް ހަމަޖެހިފައިވަނީ 5،000 ރުފިޔާގެ އާމްދަނީ ނުލިބޭ މީހުންނަށާއި އެއަށްވުރެ ދަށުން ލިބޭނެ ނަމަ 5،000 ރުފިޔާއަށް މަދުވާ ބައި ހަމަކޮށްދީގެންނެވެ.

ކޯވިޑާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާ ކުރަމުންދިޔަ މުވައްޒަފުންގެ އާމްދަނީ އަށެވެ. އިކޮނޮމިކް މިނިސްޓްރީން ހެދި ދިރާސާއެއްގައި ބުނެފައިވަނީ ޖުލައިގެ ނިޔަލަށް ޓޫރިޒަމް ދާއިރާގެ 22،000 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށެވެ.

ކޯވިޑް-19 ރާއްޖޭގައި ކޮންޓްރޯލް ވުމާއި އެކު މިމަހުގެ15 ވަނަ ދުވަހު ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާލުމަށް ވަނީ ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް