ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހުރީ އެ ކްލަބާމެދު ހިތްހަމަނުޖެހިފައި ކަމަށާއި، އެއީ ބާސެލޯނާއިން ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ނޫންކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މެސީ އަނެއްކާ ވެސް ބާސެލޯނާ ދޫކޮށްދާން އުޅޭކަމުގެ އަޑުތައް މީޑިޔާގައި ގަދަވެފައިވާއިރު، ބާސެލޯނާގެ މިހާރުގެ ބޯޑާ މެސީއާ ދެމެދުގައި އޮތް ގުޅުން އެންމެ ރަނގަޅު ނޫންކަން ފާހަގަކޮށްލެވެއެވެ. އެކަމުގެ ސަބަބުން މީގެ ކުރިން ވެސް ބާސާގެ އެންމެ މުހިންމު ކުޅުންތެރިޔާ މެސީގެ ހިތްހަމަނުޖެހުމާ ބާސާގެ އިސްވެރިން ކުރިމަތިލާން ޖެހިފައިވެއެވެ.
މި ހުރިހާ މައްސަލަތަކަކާއެކު މި ފަހަރު އަނެއްކާ ވެސް މެސީ ބާސާ ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ގަދަވެފައި މި ވަނީ، ބާސާއިން މެސީގެ އެއްބަސްވުން އާކުރުމަށް ކުރަމުން އައި މުޢާމަލާތްތައް މެސީ ހުއްޓާލިކަމަށާއި، 2021 ވަނަ އަހަރު ސީޒަން ނިމުމުން މެސީ ބާސާ ދޫކޮށްދިއުމުގެ ފުރުސަތު އެބައޮތްކަމަށް ސްޕެއިންގެ ނޫހަކުން ދާދިފަހުން ރިޕޯޓް ކުރުމާއެކުގައެވެ.
މި ވާހަކަތައް ބާސެލޯނާއިން ވަނީ ނުސީދާކޮށް ދޮގުކޮށްފައެވެ. މިގޮތުން ބާސެލޯނާގެ ކޯޗު ސެޓިއެން ވަނީ މެސީގެ ހުރިހާކަމެއް ވެސް ރަނގަޅު ކަމަށާ، ބާކީ ވާހަކަތަކަކީ ޔޯލަ ވާހަކަތަކެއްކަމަށް ބުނެފައެވެ.
އަނެއްކޮޅުން، މެސީގެ އެއްބަސްވުން އާކުރުމުގެ ކަންތައްތައް އަލުން ރަނގަޅަށް ގެންދިއުމަށް ބާސާއިން މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ. އެހެނަސް، މެސީ އެއްބަސްވުމަކަށް އައުމުގެ ކުރިން، ބާސެލޯނާއިން މުސްތަޤުބަލަށް ގެންގުޅޭ ޕްލޭންއަކީ ކޮބައިތޯ ބަލާނެކަމަށް ރިޕޯޓްތައް ބުނެއެވެ. މި ސީޒަނަށް ނޭމާ އަލުން ބާސާއަށް ގެނައުމަށް މެސީ ވަރަށް ބޮޑަށް ބޭނުންވި ނަމަވެސް، ބާސާގެ ބޯޑަށް އެކަން ހާޞިލް ނުކުރެވުނެވެ.
ކޮންމެއަކަސް، މެސީ ބާސާ ދޫކޮށްލުމާމެދު އަދި ދެކެވެނީ ހަމަ ހުސް ވާހަކައެވެ. އެއިން އެއްވެސް ވާހަކައެއްގެ ހަގީގަތެއް އޮތްކަމެއް ނުވަތަ ނޫންކަމެއް ވެސް ބުނާކަށް ނޭނގެއެވެ. އެކަމަކު އެނގޭ އެއްކަމެއް އެބައޮތެވެ. އެއީ، މި ފަހަކަށް އަހިސް، ބާސެލޯނާއިން މެސީގެ އެއްބަސްވުން އާކުރުމުގެ ވާހަކަތައް ދައްކާ ކޮންމެ ފަހަރަކުހެން، މެސީ ކޮންމެ ވެސް ކަމަކާ ހިތްހަމަ ނުޖެހިގެން އުޅޭކަމުގެ ވާހަކައާއި ބާސާ ދޫކޮށްލަން ވިސްނާކަމުގެ ވާހަކަތައް އަޑުއިވޭކަމެވެ. އެހެނަސް، ދެން އިވޭނީ މެސީ ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އާކުރިކަމުގެ ޚަބަރެވެ. މި ފަހަރު ވެސް ދެން ވާގޮތެއް ބަލަމާ ހިނގާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް