ކުޑަކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިތުރު މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވަނީ އިތުބާރު ހިފޭ މަގާމެއްގައި ހުރެ 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް، އެ ކުއްޖާ ރޭޕްކޮށް، ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތެވެ. މި މައްސައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ މިޔަވާލި، އުމުރުން 33 އަހަރުގެ ހަސަން ޒާހިން އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ހަވާލާދީ ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކަށް ވުމާއެކު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ނިންމާ ވީހާވެސް އަވަހަކަށް ޕީޖީ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މީހާގެ އިތުރުން އިއްޔެ ވަނީ ނުކުޅެދޭ ކުއްޖަކު ރޭޕްކޮށް އެ ކުއްޖާ ބަލިވެ އިން މައްސަލައެއްގައި ފ. ފީއަލީ ފީރޯޒު، އިބްރާހިމް ޝާފިއު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ނުކުޅޭދޭ ކުއްޖާގެ ޅިޔަނެވެ.
ފުލުހުން ބުނީ މިދުވަސްފަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ މައިންފައިން އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ޖިންސީ ގޯނާގެ އެއްވެސް މައްސަލައެއް ރިޕޯޓު ކުރަން ބޭނުން ނަމަ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ގުޅުމަށް އެދިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް