އައިޖީއެމްއެޗުން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 11 އަށް!

އައިޖީއެމްއެޗު އައިސީޔޫގައި ކެންސަރަށް ފަރުވާ ދެނިކޮށް މަރުވި މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާތީ ގުޅުން ހުރި މީހުން ދެނެގަތުމަށް ކޯވިޑަށް ޓެސްޓު ކުރަމުން ދާއިރު މިހާތަނަށް 11 މީހަކު ޕޮސިޓިވްވެފައިވާ ކ...

04 Jul 2020 | 20:20

އައިޖީއެމްއެޗު އައިސީޔޫގައި ކެންސަރަށް ފަރުވާ ދެނިކޮށް މަރުވި މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާތީ ގުޅުން ހުރި މީހުން ދެނެގަތުމަށް ކޯވިޑަށް ޓެސްޓު ކުރަމުން ދާއިރު މިހާތަނަށް 11 މީހަކު ޕޮސިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ 39 އަހަރުގެ އިންޑޮނީޝިއާ މީހެކެވެ. އެމީހާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ، އެމީހާ ކޯވިޑަށް ޕޮސިޓިވްވުމުން އައިސީޔޫގެ ހުރިހާ މުވައްޒަފުންނާއި ބަލި މީހުން އަދި އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ވޯޑުތަކަށް ބަދަލުކޮށްފައިވާ ބަލި މީހުންވެސް ކޯވިޑަށް ޓެސްޓު ކުރަމުންދާ ކަމަށެވެ. އަދި ބަލި މީހުންގެ އާއިލާގެ މީހުންގެ ތެރެއިން އެމީހުންނަށް ޒިޔާރަތް ކޮށްފައިވާ މީހުންވެސް ދަނީ ޓެސްޓު ކުރަމުން ކަމަށް ވިދާޅުވި އެވެ.

މިއަދު މެންދުރެއްހާއިރު އައިޖީއެމްއެޗުން ބުނެފައިވަނީ އެހާތަނަށް ޕޮސިޓިވްވެފައިވަނީ ދެ ބަލި މީހުންނާއި ހަތަރު މުވައްޒަފުން ކަމަށެވެ. މިރޭގެ ބައްދަލުވުމުގައި ޑރ. ނަޒީމް ވިދާޅުވީ އިތުރު ފަސް މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ.

މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މަރުވި އިންޑޮނީޝިއާ މީހާއި އެކު ފަސް ބަލި މީހުންނާއި ހަތަރު މުވައްޒަފުން އަދި އަދި ޕޮސިޓިވްވި ބަލި މީހުންގެ އާއިލާގެ ދެ މީހެކެވެ.

ޕޮސިޓިވްވި މީހުން ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައި އެވެ. އޭގެ ތެރެއިން އެއްބަޔަކަށް ފަރުވާ ދެމުންދަނީ ޑީއެޗް11 ގައި އެވެ.

އައިޖީއެމްއެޗުން ބަޔަކު ޕޮސިޓިވްވުމާއި ގުޅިގެން ގުޅުން ހުރި 27 މީހަކު ތިބީ ކަރަންޓީންކޮށްފައި އެވެ.

އައިސީޔޫއިން ބަޔަކު ޕޮސިޓިވްވުމުން އައިޖީއެމްއެޗުން ވަނީ ވަގުތީގޮތުން އިތުރު ބަލި މީހުން އެތަނަށް ވެއްދުން މަޑުޖައްސާލާފައި އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައިސީޔޫގައި ފަރުވާދޭން ޖެހޭ މީހުންނަށް މިހާރު ވަނީ އެހެން އިންތިޒާމެއް ހަމަޖައްސާފައި އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އައިސީޔޫ ވަނީ ޑިސްއިންފެކްޓުކޮށްފައި އެވެ.

އައިޖީއެމްއެޗުގެ ތެރެއިން ކޯވިޑް-19 ފެނުމާ ގުޅިގެން އެ ހޮސްޕިޓަލްގެ އޯޕީޑީގެ ގަޑިތަކަށް އަނެއްކާ ވެސް ބަދަލުތައް ގެނެސް، ދުރާލައި ރޭވިގެން ކުރިއަށް ގެންދާ ރޫޓިން އޮޕަރޭޝަންތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ. އޯޕީޑީގެ ހިދުމަތް ދޭއިރު އައިޖީއެމްއެޗުން އަނެއްކާ ވެސް އިސްކަންދެނީ އޮންލައިން ކޮންސަލްޓޭޝަނަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް