ކޯވިޑް-19 އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އުވާލައި، ހެލްތު މިނިސްޓްރީގެ ދަށުން އަލުން އެކުލަވައިލި ހެލްތު އެމަޖެންސީ އޮޕަރެޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ ރަފީގު ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އައު ތަރުޖަމާނުކަމަށް، އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ހަމަޖައްސާފައިވާއިރު މަބްރޫކްގެ ތަރުޖަމާނުކަމުގައި ފާއިތުވި ތިން މަސް ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް ތަކުގައި ވަރަށް ގިނައިން ޑރ. ނަޒްލާ ރަފީގް ބައިވެރިވެލެއްވިއެވެ.
ކޯވިޑް-19ގެ ވާހަކަ ރާއްޖޭގައި ދެކެވެން ފެށީއްސުރެ، ޑރ. ނަޒްލާ ފެނިގެން ގޮސްފައިވެއެވެ. ކޯވިޑް-19 އާއި ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ޑރ. ނަޒްލާ މީގެ ކުރިންވެސް ރައްޔިތުންނާ ހިއްސާ ކޮށްފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ޑރ. ނަޒްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތަރުޖަމާނުކަމަކީ ޒިންމާދާރުކަން ބޮޑު ކަމެއް ކަމަށާއި އަދި އެކަން ލިބުމަކީ ލިބުނު ފަހުރެއް ކަމަށެވެ.
"ހޭލުންތެރި ކުރުމަށް ވަގުތުން ވަގުތައް ދޭންޖެހޭ މުހިންމު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން" ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް