މަޖިލީހުގެ ހަމަނުޖެހުން ބަލަން ނިންމުމުން ރައީސް ނަޝީދާއި އެމްޑީޕީން ހިތްހަމަ ނުޖެހިއްޖެ

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތައް ފުލުހުން ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން މ...

05 Jun 2020 | 11:20

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތައް ފުލުހުން ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހިތްހަމަ ނުޖެހިއްޖެ އެވެ.

ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ރޭ ޕީއެސްއެމްގައި ވާހަކަދައްކަވަމުން ވިދާޅުވީ މިނިވަން މުއައްސަސާތައް ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށެވެ. އެކަމަކު މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ބަލައިދޭން ހުށަހަޅާފައިވާތީ، އޮންނަ އުސޫލުން ފުލުހުން އެކަން ތަހުގީގު ކޮށް އިންސާފު ހޯދައި ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މިއަދު އެމްޑީޕީގެ ޗެއާޕާސަން ހަސަލް ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަ ވެސް ތާއީދެއް އެއްވެސް ދާއިރާއަކުން މިނިސްޓަރު ނިސްބަތްވެވަޑައިގެންނަވާ އަދާލަތު ޕާޓީ އަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އެކަން އެގޮތަށް އޮއްވައި މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރު ހުރެގެން ނުވާނެ ކަމަށް ހަސަން ވިދާޅުވެފައިވެ އެވެ.

https://twitter.com/HassanLatheef/status/1268798299873705984

ހަސަންގެ މި ޓުވީޓަށް ތާއީދުކޮށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާގެ ޓުވީޓު ރީޓްވީޓު ކުރައްވާފައި އެވެ. އިތުރު އެއްޗެއް ވިދާޅުވެފައި ނުވިނަމަވެސް ނަޝީދު ހަސަންގެ ވާހަކައަށް ތާއީދު ކުރައްވާފައިވެ އެވެ.

އެރޭ މަޖިލީހުގެ ޖަލްސާގައި މައްސަލަ ހޫނުވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ނުކުތުމަށް ރިޔާސަތުން އެންގެމުން ޝިޔާމް ނިކުމެވަޑައިނުގެންނެވުމުންނެވެވެ. އެއާއި އެކު ނަޝީދު ވަނީ ސާޖެންޓް އެޓް އާމްސް ގެންނަވައިގެން ނުނެރެވެމުން މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނަށް ޝިޔާމް ނެރުމަށް އަންގަވާފައި އެވެ.

އަދި ކޮޅަށް ތެދުވެވަޑައިގެން އިނގިލިން އިޝާރަތް ކުރައްވާ ހަޅޭއްލައްވަމުން ރައީސް ނަޝީދު ވަނީ ޝިޔާމް ތަޅުމުން ނެރުމަށް އެމްޑީޕީގެ މެންބަރުންނަށް އަންގަވާފައި އެވެ.

ގަދަކަމުން ނެރެން އުޅުމުގެ ތެރޭގައި ޝިޔާމް ބިންމައްޗަށް ވެއްޓި އަނިޔާވެފައިވާއިރު ޕީޕީއެމްއިން ބުނީ ޝިޔާމްގެ މައިބަދައިގަ ރެނދެއްލާފައިވާތީ ބެޑް ރެސްޓު ކުރަން ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ.

މި މައްސަލަ ޕީޕީއެމްއިން ވަނީ އެރޭ ފުލުހުންނަށް ހުށަހަޅާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް