މިއަދަކީ ބައިނަލްއަޤުވާމީ ތިމާވެށީގެ ދުވަހެވެ. ތިމާވެށީގެ މުހިންމު ކަމާއިމެދު ހޭލުންތެރިކަން އިތުރުކޮށް، ދުނިޔޭގެ އެކި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން އިތުރުކޮށް، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ފުރުސަތު ހޯދައިދިނުމަށް ޔުނައިޓެޑް ނޭޝަންސް އިން މި ދުވަސް ފާހަގަ ކުރާތަ 46 އަހަރު ވީ އިރު، މި ދުވަހަކީ ކޮންމެ އަހަރަކު ތިމާވެއްޓަށް ލޯބި އިތުރުކޮށް، މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ލިބޭ ފުރުސަތެކެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޔާރަކީ "ޓައިމް ފޯ ނޭޗަރ" އެޗެ. އަދި މިއަހަރު އަލިއަޅުވާލުމަށް ނިންމާފައިވަނީ ދިރޭތަކެއްޗަށެވެ. އަދި މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރު " ޓައިމް ފޮރ ނޭޗަރ" އާއި ގުޅޭ ކުރެހުންތައް#WorldEnvironmentDayMv #ForNature މި ހޭޝްޓެގްތަކާއިއެކު މީސްމީޑިއާއަށް ލުމުގެ ފުރުސަތު މިނިސްޓްރީއިން މިވަނީ ހުޅުވާލާފައެވެ. މިގޮތުން މިކަމަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
އިންސާނުންގެ ހުރިހާ ކަމެއް ވަނީ ޤުދުރަތީ ވެއްޓާއި ގުޅި ލާމެހިފައެވެ. ވަކިން ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަކީ ޤުދުރަތީ ވެއްޓަށާއި ވަސީލަތްތަކަށް ވަރަށް ބޮޑަށް ބަރޯސާ ވެގެންވާ ޤައުމުތަކެކެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއާ މެދު ވިސްނާލުމުން މިކަން ވަރަށް ރަގަޅަށް ދޭހަވެއެވެ. އަޅުގަނޑުމެންގެ އިގްތިސާދު ބިނާވެގެންވާ ދެ ސިނާއަތްކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަކީ ދުޅަހެޔޮ ވެއްޓެއްގެ މައްޗަށް ބިނާވެފައިވާ ދެ ސިނާއަތެވެ. އަޅުގަނޑުމެންގެ ކުދި ޖަޒީރާ ރަށްތައް އޭގެ ޒާތުގައި ސަލާމަތްތެރިކަމާއެކު އޮތުން ވަނީ ޤުދުރަތީ ވެއްޓާއި އަދި ވަކިން ހާއްސަކޮށް ފަރުގެ ވެއްޓާއި ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. އަޅުގަނޑުމެންގެ ހިތްހަމަޖެހުމާއި މުނިފޫހިފިލުވުމާއި ނަފްސާނީ ދުޅަހެޔޮކަންވެސް ވަނީ ޤުދުރަތީ މާހައުލާއި ގުޅިފައެވެ. ނަމަވެސް ހިތާމައާއެކު ފާހަގަކުރަންޖެހެނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤުދުރަތީ ވެއްޓާއި އެވެށީގެ މުއްސަދިކަމާއި މުހިންމު ކަމުގެ އަގު އެންމެ ފުރިހަމަ ގޮތުގައި ވަޒަން ނުކުރެވޭކަމެވެ. ވިސްނާލުމެއްނެތި ވެއްޓަށް ގެއްލުންވާފަދަ ކަންތަށްކޮށް އެކަށީގެންވާ މިންވަރަށް ވުރެއް ގިނައިން ޤުދުރަތީ ވަސީލަތްތައް ބޭނުންކުރެވޭކަމެވެ. އެގޮތުން މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު "ޓައިމް ފޯ ނޭޗަރ" އިން ދޭހަކޮއްދޭން ބޭނުންވަނީ މިވަގުތަކީ ޤުދުރަތީ މާހައުލުގެ ވަގުތުކަމެވެ. ޤުދުރަތީ މާހައުލާއި އެމާހައުލުގެ މުހިންމުކަމާއި ބޭނުންތެރިކަމާމެދު ވިސްނާ ޤުދުރަތީ މާހައުލަށް އިސްކަމާއި އަހައްމިއްޔަތިކަން ދޭންވީ ވަގުތުކަމެވެ.
އަޅުގަނޑުމެން މިބަލިމަޑުކަމުން އަރައިގަނެ ދިރިއުޅުން އަލުން ބިނާކުރަން މަސައްކަތްކުރާއިރު މިޝިއާރުގެ ބޭނުން ހިފައި ޤުދުރަތީ މާހައުލަށް އިސްކަން ދިނުން ވަރަށް މުހިންމެވެ. ކުރު މުއްދަތުގެ އިގްތިސާދީ ފައިދާ އާއި މަންފާއަށް ޤުދުރަތީ ވެށި ޤުރުބާންކޮށް ވެށި ހަލާކުވުމުން އެވެށި އަލުން އާރާސްތުކުރުމުގެ އުސޫލު ދޫކޮއްލާ، ޤުދުރަތީ މާހައުލާއި ރައްޓެހި، މާހައުލުގެ ސަލާމަތްތެރިކަމަށް ވިސްނައިގެން އިގްތިސާދީ މަޝްރޫއުތަށް ރޭވުން މުހިންމެވެ. އަޅުގަނޑުމެންނަކީ ފަރުގެ ދަރިންކަމުގައި ވާހިނދު އަޅުގަނޑުމެންގެ އަމަލުތަކާއި ދިރިއުޅުމުގެ ވައްޓަފާޅި، ފަރުތަކާއި އެފަރުތަކާއި ގުޅިފައިވާ ޤުދުރަތީ ނިޒާމްތަކަށް ވީހާވެސް ގެއްލުން ކުޑަ ގޮތަކަށް ބިނާކުރަންވީ ވަގުތެވެ. އަދި ޤުދުރަތީ މާހައުލަކީ އޭގެ ޒާތުގައި ވެސް އަގު ހުރި އެއްޗެއްކަމާއި މެދު ވިސްނައި ޤުދުރަތީ މާހައުލަށް އިހްތިރާމާއެކު އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ކުރަން އަޒުމް ކަނޑައަޅަންވީ ވަގުތެވެ. އެގޮތުން އިސްރާފުކުރުވަނި ގޮތުގައި ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމާއި ދުރުވެ، ޤުދުރަތީ ވަސީލަތްތައް ބޭނުންކުރާއިރު، އޭގެ ސަބަބުން މުޅި މާހައުލީ ނިޒާމަށް ކުރާނެ އަސަރާއި މެދު ވިސްނުން ވަރަށް މުހިންމެވެ. އަދި އަޅުގަނޑުމެން މިބަލިމަޑުކަމުން އަރައިގަނެ ނިއު ނޯމަލްއަކަށް ދާއިރު، އަޅުގަނޑުމެންގެ ދުވަހުން ދުވަހުގެ ދިރިއުޅުމުގައިވެސް ތިމާވެއްޓާއި ރައްޓެހިގޮތްތައް ހިޔާރުކުރުމަށް އަޒުމް ކަނޑައަޅައި ފަރުދީ ޒިންމާ އަދާކުރަން އެބަޖެހެއެވެ. އެގޮތުން ގޭބިސީގައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި މޫދަށް ކުނި އުކުންފަދަ ނޭދެވޭ އާދަތަށް ދޫކޮއްލަންޖެހެއެވެ. އަދި ބޭނުންވާ ވަރަށް ވުރެއް އެއްޗެހި ނުގަތުމާއި އަލުން އެއްޗެހި ބޭނުންކުރުމާއި ތިމާވެށީގެ ދިފާއުގައި އަޑު އުފުލުން ފަދަ އާދަތަށް އަށަގަންނަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް