ބިދޭސީ މީހާ ޕޮސިޓިވްވިޔަސް މަރުވީ ކޯވިޑާއި ގުޅުން ނެތް ބައްޔެއްގައި!

ފިޓުޖެހިގެން މިއަދު މަރުވި ބިދޭސީ މީހާ މަރުވީ ކޯވިޑް-19 އަށް ޕޮސިޓިވް ވިޔަސް އެ ބަލީގެ ސަބަބު ދިމާވި ސިއްހީ މައްސަލަތަކެއްގައި ނޫންކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. އެމީހާ މަރުވީ ލޭ ހޮޅިއެއް ފަޅައި...

05 May 2020 | 10:16

ފިޓުޖެހިގެން މިއަދު މަރުވި ބިދޭސީ މީހާ މަރުވީ ކޯވިޑް-19 އަށް ޕޮސިޓިވް ވިޔަސް އެ ބަލީގެ ސަބަބު ދިމާވި ސިއްހީ މައްސަލަތަކެއްގައި ނޫންކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އެމީހާ މަރުވީ ލޭ ހޮޅިއެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އަރައި ފިޓުޖެހިގެން ނެވެ. އޭނާ ކޯވިޑަށް ޓެސްޓު ކުރީ އައިޖީއެމްއެޗުގައި އެޑްމިޓް ކުރާ މީހުން ކޯވިޑަށް ޓެސްޓު ކުރުމަށް އެކުލަވާލާފައިވާ އުސޫލުގެ ތެރެއިންނެވެ.

އައިޖީއެމްގެ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ. މުހައްމަދު ފައިޝަމް ވިދާޅުވީ އެމީހާއަށް ފަރުވާ ދިނުމަށް ޑޮކްޓަރުންނަށް ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެއްް ކަމަށެވެ. އޭނާ ވިދާޅުވީ އެމީހާ ހޮސްޕިޓަލްއަށް ގެންދިޔައީ ފިޓު ޖެހިގެން ކަމަށްވާތީ ހެދި ސީޓީ ސްކޭނަށް ބަލައި އެމީހާ އަކީ މީގެ ކުރިން ބޮޑު ބައްޔެއް ޖެހިފައިވާ މީހެއް ކަން އެނގޭ ކަމަށެވެ.

އޭނާ ލަފާ ކުރެއްވި ގޮތުގައި އެ ބައްޔަކީ ކެންސަރަށްވުންވެސް އެކަށީގެންވެ އެވެ.

ޑރ. ފައިޝަމް ވިދާޅުވީ ކޯވިޑަށް ޕޮސިޓިވްވިޔަސް އޭނާގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި ސްކޭންތަކުން ފުއްޕާމޭގައި އިންފެކްޝަން ހުރި ކަމަށް ދައްކަނީވެސް ވަރަށް ކުޑަކޮށް ކަމަށްވާތީ އެމީހާ އަކީ އަލާމާތެއް ނެތި ބަލި ޖެހިފައިވާ މީހެއް ކަމަށެވެ.

މަރުވީ 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އެމީހާ މަރުވީ ކޯވިޑާއި ގުޅުން ނެތް ބައްޔަކަށް ފަރުވާ ދެމުން ދަނިކޮށް ވިޔަސް ކޯވިޑްއަށް ޕޮސިޓިވްވެފައިވާތީ ޑަބްލިއުއެޗްއޯގެ މިންގަނޑުން ބަލާނީ ކޮވިޑާއި ގުޅުން ހުރި ބައްޔެއްގައި ކަމުން އެއީ ކޯވިޑްގައި މަރުވި މީހެއް ކަމަށް ޑރ. ފައިޝަމް ވިދާޅުވި އެވެ.

އެމީހާ އަކީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ވިސާ އާއި އެކު އުޅެމުން އައި މީހެކެވެ. އެހެންވެ އޭނާ މަރުވިކަން ބަންގްލަދޭޝް އެމްބަސީ މެދުވެރިކޮށް އާއިލާއަށް އެންގި އެވެ. އާއިލާއިން ވަނީ ރާއްޖޭގައި އޭނާގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިއުމަށް އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް