ކޯވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ލޮކްޑައުން އާއި ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން ކުލި ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލިހަށް ހުށަހެޅުއްވި ބިލު ބަލައި ނުގަންނަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
"ކޯވިޑް-19ގެ އެހީތެރިކަމުގެ ބިލު"ގެ ނަމުގައި ސައީދު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ އަމިއްލަ ފަރާތްތަކުން ކުއްޔަށް ދީފައިވާ ތަންތަނުގެ އެއްބަސްވެފައިވާ ކުލީގެ ތެރެއިން 50 ޕަސެންޓަށްވުރެ ބޮޑު ނޫން މިންވަރެއް ނުދެއްކުމުގެ ސަބަބުން ކުއްޔަށް ދޫކޮށްފައިވާ ތަނުން ބޭރުނުކުރެވޭނެ ކަމަށެވެ. މިގޮތަށް އުނިކުރާ ފައިސާ ކުއްޔަށް ދިން ފަރާތަށް އަނބުރާ ދައްކާނީ އާންމު ހާލަތަށް ރުޖޫއަ ވެވުމުން 10 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ.
އާންމު ހާލަތަށް ރުޖޫއަވެވުން ކަމުގައި މިބިލުގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި އިޢުލާނުކޮށްފައިވާ ފުރަބަންދު ނިމުމަކަށް އައިސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލް އަގުވާމީ ވައިގެ ދަތުރުތައް ފެށި، ފަތުރުވެރިކަމަށް ހުޅުވައިލެވުމެވެ.
ވިޔަފާރީގެ އެކި ބޭނުންތަކަށާޢި ދަނޑުވެރިކަމަށް ސަރުކާރުން ދޫކޮށްފައިވާ ބިންތަކުގެ ކުލިންވެސް 50 ޕަސެންޓު އުނިކުރުމަށް މިބިލުގައި ހިމަނާފައިވެ އެވެ. ދައުލަތުން އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ ފުލެޓުތަކުގެ އަގުގެ 50 ޕަސެންޓު ހަ މަސްދުވަހަށް ފަސްކޮށް، އެފަސްކުރެވޭ މިންވަރު ލޯނުގެ ބާކީ އޮންނަ މުއްދަތަށް ބަހައިލެވޭނެ ކަމަށް ބިލުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން ދައުލަތުގެ އެކިއެކި އިދާރާތަކުން ދޫކޮށްފައިވާ ވިޔަފާރި ބިންތަކުގެ ކުލީގެ 50 ޕަސެންޓު ހަ މަސް ދުވަހަށް ފަސް ކުރުމަށާއި، ދަނޑުވެރި ބިންތަކުގެ ކުލީގެ 50 ޕަސެންޓު ހަ މަސް ދުވަހަށް މައާފުކޮށްދިނުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް އެއާޕޯޓު ބޭރުގެ ދަތުރުފަތުރަށް ހުޅުވާ ދުވަހުން ފެށިގެން 90 ދުވަސް ވަންދެން، ފަތުރުވެރިކަމަށް ދޫކޮށްފައިވާ އެންމެހާ ރިސޯޓުތަކާއި ބިންތަކުގެ ކުލި ފަސްކުރަން ވެސް ވަނީ ހުށަހަޅައިފައެވެ.
ފަތުރުވެރި ބިންތަކުން ފަސްކުރެވޭ ކުލި ދައްކަން ފަށާނީ ބޭރުގެ ދަތުރުފަތުރަށް އެއާޕޯޓު ހުޅުވާދުވަހުން ފެށިގެން 48 މަސް ދުވަހުގެ ތެރޭގައި، ހަމަހަމަ އުސޫލުން ބަހާ، ކޮންމެ މަހަކަށް ޖެހޭ މިންވަރު، އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކާ ހަލާސްކުރާ ގޮތަށެވެ. ފަސްކުރާ ކުލި އަނބުރާ ދައްކާއިރު، ކުލީގެ އިތުރުން ފަސް ޕަސެންޓު އިންޓްރެސްޓް ދައްކަންޖެހޭނެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސައީދު ފޮނުވި ބިލުގައި ދައުލަތުގެ އާމްދަނީ އާއި ހަރަދާއި މާލިއްޔަށް އަސަރު ކުރާނެ ސީދާ ކަންކަން ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެ ބިލު އެޖެންޑާ ކުރެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދަށް ފެއްތުމަށް ޓަކައި ސައީދުގެ ބިލަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މެންބަރު ސައީދާއެކު ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންގެ ބައްދަލުވުމެއް ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް