އެޗްޑީސީން 500 އަށް ވުރެ ގިނަ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ހަދައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން500 އަށްވުރެ ގިނަ މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ހަދައިފި އެވެ. އެ ކުންފުނިން ބުނީ މި ފެސިލިޓީ ހަދާފައިވަނީ އެޗްޑީސީން އިމާރާތް ކޮށްފައިވާ ...

05 May 2020 | 08:27

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން500 އަށްވުރެ ގިނަ މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ހަދައިފި އެވެ.

އެ ކުންފުނިން ބުނީ މި ފެސިލިޓީ ހަދާފައިވަނީ އެޗްޑީސީން އިމާރާތް ކޮށްފައިވާ ޑިސްޓްރިބިއުޝަން ސެންޓަރެއްގައި ވަގުތީ ގޮތުން ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކޮށްގެން ކަމަށެވެ. މިއީ667 މީހުންގެ ޖާގައިގެ ފެސިލިޓީ އެވެ.

އެޗްޑީސީން ބުނީ މި ތަނަކީ ތޮއްޖެހިގެން މާލޭގައި ދިރިއުޅެމުންދާ ބިދޭސީން ޖާގަ ބޮޑު ފެސިިޓީތަކަށް ބަދަލު ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ހެދި ތަނެއް ކަމަށެވެ. މި ފެސިލިޓީގައި ނިދާ ބަޔަކާއި، ފާހާނާ ކުރާ ބައެއްގެ އިތުރުން ފެންވަރާ ބައެއް ވަކިން ހަދާފައިވެ އެވެ.

މި ފެސިލިޓީގައި ހަދާފައިވާ ފާހާނާ ބަރިއަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފެޑޯ ޕްރައިވެޓު ލިމިޓެޑުން އަމިއްލަ ހަރަދުގައި ހަދައި ދީފައިވާ ތަނެކެވެ. އެޗްޑީސީން ބުނީ މި ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިންމަން ހޭދަވެފައިވަނީ10 ދުވަސް ކަމަށެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގެވުމަކުން ކޯވިޑް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ކަރަންޓީން ފެސިލިޓީތަކަކަށް ބަދަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ވަނީ އަންގާފައި އެވެ.  މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން50 ޕަސެންޓު މީހުންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.

ބިދޭސީންގެ މެދުގައި ކޯވިޑް-19 ފެތުރެމުންދަނީ އެމީހުން ދިރިއުޅެމުންދާ ތޮއްޖެހިފައިވާ މާހައުލުގެ ގޮތުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެހެންވެ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ އެންމެ ބޮޑު އާބާދީއެއް އޮންނަ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަނބުރާ ގައުމަށް ފޮނުވެން ހުރި މީހުން ފޮނުވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ މަސައްކަތުގެ ދަށުން މި ހަފްތާތެރޭގައި ގަވަައިދާހިލާފަށް ރާއްޖޭގައި އުޅޭ 1،500 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް