ކޯވިޑް-19 އާއި ގުޅިގެން ދައުލަތުން ކުރަމުންދާ ހަރަދުތަކުގެ ތަފްސީލް ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ އެ ހަރަދުތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްކުރުމަށާއި ކޮރަޕްޝަން މަދުކުރުމަށް ކޮންމެ ހަފްތާއަކު އެއްފަހަރު ހަރަދުތަކުގެ ތަފްސީލް ހާމަ ކުރާށެވެ. ކޯވިޑް-19 އަށް ކުރާ ހުރިހާ ޚަރަދެއްގެ ތަފްސީލް ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އެ މިނިސްޓްރީން މިހާރު ވަނީ ސަރުކާރުގެ ހުރިހާ އިދާރާއަކަށް އަންގައިފަ އެވެ.
އެގޮތުން އިއްޔެ އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 665 މިލިއަން ރުފިޔާ ސަރުކާރުން ކޯވިޑް-19 އާއި ގުޅިގެން ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން ބޮޑު ބައި ހަރަދުކޮށްފައިވަނީ ހެލްތް މިނިސްޓްރީ އާއި ޑިޒާޒްޓާ މެޖޭންމެންޓު ސެންޓަރުންނެވެ.
އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުންނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންއީއޯސީ) ން ކުރާ މަސައްކަތްތަކަށް މިހާތަނަށް ހަރަދު ކޮށްފައި ވަނީ 387 މިލިއަން ރުފިޔާ އެވެ. ހެލްތު މިނިސްޓްރީން 136 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ޕްލޭނިން މިނިސްޓްރީން 28 މިލިއަން ރުފިޔާ، އެމްއެންޑީއެފުން ފަސް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ކޯވިދް-19 އާއި ގުޅިގެން ފޮރިން މިނިސްޓްރީން އޭޕްރިލްގެ ނިޔަލަށް 3.4 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން 2.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން އިމިގްރޭޝަނާއި އައިޖީއެމްއެޗުން އެއް ލައްކަ ރުފިޔާ އަދި ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84 މިލިއަން ރުފިޔާ އާއި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 15.9 މިލިއަން ރުފިޔާ ކޯވިޑާއި ގުޅިގެން ހަރަދުކޮށްފައިވެ އެވެ. ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހޭދަކޮށްފައި ވެ އެވެ.
ދައުލަތުން ކުރާ ހަރަދުތަކުގެ ތެރޭގައި ވައިރަހަށް ޓެސްޓު ކުރުމަށާއި ކަރަންޓީން ފެސިލިޓީތަކަށާއި މެޑިކަލް ސާމާނު ހޯދުމަށާއި ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތައް ގާއިމު ކުރުމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާޑުގެ ބާވަތްތައް ގެނައުން ވެސް ހިމެނެ އެވެ. ކޯވިޑް-19 ޖެހޭ ހުރިހާ އެންމެންނަނށް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ހަރަދުގައި ހިލޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް