ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ފަށައިފި އެވެ.
މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކައިވެނިތައް ކުރުން މިދިޔަ މަހުގެ15 ވަނަ ދުވަހުން ފެށިގެން އޮތީ ހުއްޓިފަ އެވެ. އެކަމަށް ނިމުމެއް ގެނައުމުގެ ގޮތުން މި ހާލަތަކުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭނެ އުސޫލެއް އެކުލަވާލައި އެ ކޯޓުން މިހާރު ދަނީ އަމަލު ކުރަމުންނެވެ.
އެ އުސޫލުގައި ބުނެފައިވާގޮތުން މިކަމަށް ހާއްސަ ޕޯޓަލްއެއް އިނދެއެވެ. އެފަދަ ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖްލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާ އެވެ.
ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ މީހުން ވީޑިއޯ މެދުވެރިކޮށް ހާޒިރުވެ ތިބިކަމާއި ހާޒިރުވާންޖެހޭ މީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން، ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެ ގޮތަށް ކައިވެނިކޮށްދިން ކަމުގައި ވިއަސް، ކައިވެނި ކޮށްދިނުމުގެ އުސޫލަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. ކައިވެނީގެ ޚުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު އަހައި އެކަން ކަށަވަރުކުރަން ވެސް ޖެހެ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރާ މީހުންނަށް ކައިވެނީގެ ސެޓްފިކެޓްގެ ގޮތުގައި ދެނީ ނަމްބަރެއް ޖަހާފައިވާ ވަގުތީ ލިޔުމެކެވެ. އެ ލިޔުން ފޮނުވާނީ އީމެއިލް ނުވަތަ ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށެވެ.
ކައިވެނީގެ މައި ދަފްތަރުތަކުގައި އެ ކައިވެނިތައް ހިމަނަނީ ފަހުން ކަމަށް އެ އުސޫލުގައި ބުނެެފައިވެ އެވެ.
ވީޑިއޯ ކޯލް މެދުވެރިކޮށް ކައިވެނިކޮށް ވަގުތީ ސެޓްފިކެޓެއް ދޫކުރި ނަމަވެސް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށް ފަހު ކޯޓަށް ހުށަހަޅަންޖެހެ އެވެ.
ރާއްޖޭގެ އިތުރުން ބައެއް މުސްލިމް ގައުމުތަކުގައިވެސް ދަނީ ކޯވިޑް-19 ގެ ލޮކްޑައުނަ އާއ ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް