ލަލީގާ ގެ ކްލަބްތައް އަލުން ތަމްރީނުތައް ފަށަނީ

ކޯވިޑް19 އާ ގުޅިގެން ހަފުތާތަކެއް ވާންދެން ލޮކްޑައުން ކޮށްފައި އޮތް ސްޕެއިންގެ ސަރުކާރުން ހުއްދަ ދިނުމާއެކު، ލަލީގާގެ ކްލަބްތަކުން މި ހަފުތާގެ ތެރޭގައި އަލުން ތަމްރީނުތައް ފަށަން ތައްޔާރުވެއްޖެއެވެ. ސ...

04 May 2020 | 21:14

ކޯވިޑް19 އާ ގުޅިގެން ހަފުތާތަކެއް ވާންދެން ލޮކްޑައުން ކޮށްފައި އޮތް ސްޕެއިންގެ ސަރުކާރުން ހުއްދަ ދިނުމާއެކު، ލަލީގާގެ ކްލަބްތަކުން މި ހަފުތާގެ ތެރޭގައި އަލުން ތަމްރީނުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ސްޕެއިންގެ ފުރަތަމަ އަދި 2 ވަނަ ޑިވިޝަންގެ ކްލަބްތަކުން ތަމްރީނުތައް ފަށާއިރު، ތަމްރީނުތައް ކުރިއަށް ގެންދަން ޖެހޭނީ، އެއްވެސް ސަޕޯޓަރެއް ނުވައްދައެވެ. އަދި ތަމްރީނުތަކަށް ކްލަބްތަކުގެ ކުޅުންތެރިން ނުކުންނާނީ ކޮންމެ ކްލަބެއްގެ ވެސް ހުރިހާ ކުޅުންތެރިން ކޯވިޑް19 އަށް ޓެސްޓް ކުރުމަށްފަހުގައެވެ.

ސްޕެއިން އަކީ ކޯވިޑް19 ގެ އަސަރު އެންމެ ބޮޑަށް ކުރި ޔޫރަޕްގެ ގައުމެވެ. އެހެނަސް، އެ ގައުމުގެ ސަރުކާރުން ކްލަބްތަކުގެ ތަމްރީނުތަކަށް ހުއްދަ ދިނުމާއެކު، ސްޕެއިންގެ ފުޓްބޯޅަ ސީޒަން ކާމިޔާބު ކަމާއެކު ނިންމާލެވޭނެކަމުގެ އުންމީދު ވަނީ އާވެފައެވެ.

ސްޕެއިންގެ ސަރުކާރުން ކޯވިޑް19 ގެ ނުރައްކާތެރި ހާލަތަށް ފަހު، ގައުމު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން އަންނައިރު، ލަލީގާ އިން ނިންމާފައިވަނީ ކްލަބްތަކުގެ ތަމްރީނުތަކުގެ މުއްދަތު 4 ވަރަކަށް ހަފްތާއަށް ދަންމާލުމަށެވެ.

އަދި އެއަށްފަހު، ޖޫން މަހުގެ ތެރޭގައި އަލުން ލީގު ފަށައި، ކާމިޔާބުކަމާއެކު ސީޒަން ނިންމާލުމަށް ލަލީގާއިން ވަނީ އަމާޒު ހިފާފައެވެ.

ލަލީގާ ގެ ކްލަބްތަކުން ތަމްރީނުތަކަށް ނުކުންނައިރު، މި ހަފުތާގެ ތެރޭގައި ޔޫރަޕްގެ އެހެން ބައެއް ލީގުތަކުގެ ކްލަބްތަކުން ވެސް ތަމްރީނުތައް ފަށާނެކަމަށް ބެލެވެއެވެ. އެހެނަސް، ފްރާންސާއި ނެދަލޭންޑުން ވަނީ އެ ގައުމުތަކުގެ ފުޓްބޯޅަ ސީޒަން ނިންމާލާފައެވެ. އެހެންކަމުން، ފްރެންޗް ލީގާއި، ޑަޗް ލީގުގެ މި ސީޒަންގެ ތަށި އެއްވެސް ކްލަބަކަށް ނުލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް