ޖޫން މަސް ފެށޭއިރު، ކޯވިޑް19 ޖެހިގެން އެމެރިކާއިން ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު 3000 އަށް އަރާފާނެކަމަށް ސީޑީސީ އިން ލަފާކޮށްފައިވާކަން "ދަ ނިއު ޔޯކް ޓައިމްސް" އިން އާންމުކުރި ލިޔުންތަކަކުން ހާމަވެއްޖެއެވެ.
ކޯވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، އެމެރިކާގެ ސަރުކާރުން އެ ގައުމުގެ އިޤުތިޞާދު އަލުން ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ ގައުމުގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އެއްކޮށްފައިވާ މަޢުލޫމާތުތަކާއި، ހަދާފައިވާ މޮޑެލްތަކުން، އަންނަ މަސް ފެށޭއިރު އިތުރު 2 ލައްކަ މީހުން ޕޮޒިޓިވްވެ، އެކަމުގެ ނަތީޖާއެއްގެ ގޮތުން ދުވާލެއްގެ މައްޗަށް އެތައް ހާސް މީހުން މަރުވެދާނެކަމަށް ދައްކާކަމުގައި، ނިއު ޔޯކް ޓައިމްސް އިން އާންމުކޮށްފައިވާ ޑޮކިޔުމެންޓްތަކުގައި ވެއެވެ.
އެހެނަސް، އެމެރިކާގެ ރިޔާސީ ގަނޑުވަރު "ވައިޓް ހައުސް" އިން ވަނީ މި މަޢުލޫމާތުތައް ދޮގުކޮށްފައެވެ. އެއީ ވައިޓް ހައުސްގެ ޑޮކިޔުމެންޓްތަކެއް ނޫން ކަމަށާއި، އަދި އެއީ ކޮރޯނާ ވައިރަސް ޓާސްކް ފޯސްގެ ބައިވެރިވުމެއް ވެސް ނެތް ޑޮކިއުމެންޓްތަކެއް ކަމަށް ވައިޓްހައުސްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
އަދި ޓާސްކް ފޯސް އިން ހަދާފައިވާ އެއްވެސް މޮޑެލްއެއް ނުވަތަ ދިރާސާ ކޮށްފައިވާ އެއްވެސް މަޢުލޫމާތަކުން، އެ ޑޮކިއުމަންޓްތަކުގައި ބުނާ ކަންތައްތައް ދައްކުވައި ނުދޭކަމަށް ވެސް ވައިޓް ހައުސް އިން ވަނީ ބުނެފައެވެ.
ކޯވިޑް19 ގެ ވަބާ މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމަކީ އެމެރިކާއެވެ. ޑަބްލިޔުއެޗްއޯ އިން އާންމުކުރާ މަޢުލޫމާތުތަކަށް ބަލާއިރު، އެމެރިކާއިން މިހާތަނަށް 1125719 މީހުން ކޯވިޑް19 އަށް ފައްސިވެފައިވެއެވެ. އަދި އެ ގައުމުން ވަނީ 60 ހާހަށްވުރެ ގިނަ މީހުން މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް