ދެވަނަ ޑޯޒު ޖެހުމުން ދޭނެ ލުއިތައް ކަނޑައެޅޭނެ ދުވަހެއް ނޭނގެ!

ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހުމުން ލިބޭނެ ލުއިތައް ކަނޑައަޅައި އާންމުކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާ...

05 Apr 2021 | 08:45

ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހުމުން ލިބޭނެ ލުއިތައް ކަނޑައަޅައި އާންމުކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމުން ދޭނެ ލުއިތަކާއި ގުޅޭގޮތުން ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ. އޭނާ ވިދާޅުވީ އެ މަޝްވަރާތަކުގައި ވެކްސިންގެ ދެ ޑޯޒު ޖެހުމުން ބަލި ދިފާއުވާ މިންވަރާއި ރައްކާތެރިކަން އޮތް މިންވަރުގެ އިތުރުން ބަލި ނުޖޭނެ ކަމުގައި ޔަގީން ކަން ހޯދުން ފަދަ މައުލޫމާތުތައް ބޭރުގެ ތަޖުރިބާގެ އެހީގައި ބަލައި ދިރާސާ ކުރަމުންދާ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ ދެ ވަނަ ޑޯޒު ޖެހުމުން އާންމުންނަށް ލުއި ދޭން މަޝްވަރާ ކުރަމުން ދާއިރު ރާއްޖޭގައި މީހުން ކޯވިޑަށް ޕޮސިޓިވްވާ އަދަދާއި ސްކޫލްތައް ހުޅުވާލުމުން ނުކުންނަ ނަތީޖާތަކަށް ބަލާނެ ކަމަށެވެ.

އެހެން ކަމުން ދެ ވަނަ ޑޯޒާއި އެކު ލިއިތައް ދޭން ފެށޭނެ ދުވަސް ބުނަން ނޭނގޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި ވެކްސިން ޕާސްޕޯޓުގެ ނަމުގައި އެއްޗެއް ތައާރަފު ކުރުމާއި މެދުވެސް ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ރާއްޖެއިންވެސް ވެކްސިން ޕާސްޕޯޓު ތައާރަފު ކުރާނެ ކަމަށެވެ. އެ ޕާސްޕޯޓު މެދުވެރިކޮށް ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ކަރަންޓީން ވާން ނުޖެހި ދަތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެ ދުވަހު ނަސީމް ވިދާޅުވެފައިވަނީ ވެކްސިން ޕާސްޕޯޓު ތައާރަފު ކުރަން ދެތިން ހަތަރު މަސް ނަގާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ދޭންފެށި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު މިދިޔަ އާދިއްތަ ދުވަހު ވަނީ ދޭން ފަށާފައި އެވެ. މިހާތަނަށް ރާއްޖޭގެ ވެކްސިން ޖަހާ އާބާދީގ ެ45 ޕަސެންޓު މީހުން ވަނީ ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް