ސަރުކާރުގައި ވެސް އިދިކޮޅުގައި ވެސް ޖުމްހޫރީ ޕާޓީ!؟

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، މި މަހުގެ 10 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުންދާއިރު، އިންތިޚާބުގެ ވާދަވެރިން ދަނީ ނިކަން ފޯރީގައި ކ...

05 Apr 2021 | 07:47

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، މި މަހުގެ 10 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުންދާއިރު، އިންތިޚާބުގެ ވާދަވެރިން ދަނީ ނިކަން ފޯރީގައި ކެމްޕެއިން ވެސް ކުރަމުންނެވެ.

އެންމެ ވާދަވެރިކޮށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީތައް ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) އަދި ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) ކެމްޕެއިން ކުރަމުން ދާއިރު، ދެން އެންމެ ވާދަވެރިކޮށް ފެންނަނީ މި ސަރުކާރު ކޯލިޝަންގެ އެއް ބައިވެރިޔާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ.

ޖޭޕީ ސަރުކާރުގެ ކޯލިޝަންގައި އޮތް ނަމަވެސް، މި ފަހަރު ފެނިގެން ދަނީ ތަފާތު މަންޒަރެކެވެ. އެތައް ގޮތަކުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވައި، ފާޑުކިޔުމުގައި އަރާ ތިބި އިދިކޮޅު ކެންޑިޑޭޓުންނާ ބައިޢަތު ހިފައި އެ ބޭފުޅުންގެ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ހިއްސާވަމުން ދާތަން އެބަ ފެނެއެވެ.

އެންމެ ބޮޑަށް ފާހަގަކުރެވެނީ މާލޭގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި ޖޭޕީގެ ފަރާތުން ހެންވޭރު އުތުރަށް ވާދަކުރައްވާ މިރްފަތު އިސްމާޢިލް ޝަފީޤް ބައިވެރިވަމުންދާ ކަމެވެ. އަދި މީސްމީޑިޔާގައި ދައުރުވަމުންދާ މިރަފްތުގެ ކެމްޕެއިން ޕޯސްޓަރުތަކުގައި ވެސް ޑރ. މުއިއްޒުއަށް ވޯޓު ދިނުމަށް އެދިފައިވާތަން އެބަ ފެނެއެވެ.

ސަރުކާރު ކޯލިޝަންގައި އޮވެ ޖޭޕީގެ ކެންޑީޑޭޓުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދޭ ކަމަށް ބުނެ ޖޭޕީގެ ބައެއް އާންމު މެމްބަރުން ވެސް ވަނީ ނުރުހުންފާޅުކޮށްފައެވެ. އާންމުންގެ ތެރޭން ގިނަ ބަޔަކު މި ކަމާ ގުޅިގެން ޖޭޕީއަށް ފާޑުކިޔަމުން ދާ މައްސަލައިގަ ޖޭޕީގެ ނައިބު ރައީސް އަޙުމަދު ސައުދުއާ ސުވާލުކޮށްލީމެވެ.

މިއީ ކިހިނެއް ހިނގަމުންދާ ކަމެއްތޯ ސުވާލުކުރުމުން ސައުދު ވިދާޅުވީ، މި އިންތިޚާބުގެ ކެމްޕެއިން އަށް ޖޭޕީން އެއްވެސް ބަޔާކާ އެކު ރަސްމީކޮށް ކޯލިޝަން ހަދާފައި ނުވާނެ ކަމަށެވެ. ސައުދު ވިދާޅުވީ، ކާމިޔާބީއަކީ އެކަކު އަނެކެއްގެ ކިބައިން ލިބިގަންނަ އެއްޗަކަށް ވާއިރު، ޖޭޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުން ޝާމިލުކުރުން އޭނާގެ ނަޒަރުގައި އެއީ މައްސަލައެއް ނޫނެވެ.

މީގެ ކުރިން ބޭއްވި މަޖިލިސް އިންތިޚާބުގައި ވެސް މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ގުޅިގެން ވާދަކުރަން ވި އެއްބަސްވުމަށް އެމްޑީޕީން އަމަލު ނުކުރުމުން ކަމަށް ބުނެ ޖޭޕީން ވަނީ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީއާ އެކު މަޖިލީސް އިންތިޚާބަށް މަސައްކަތް ކުރަން ނިންމައިފަ އެވެ. ރަސްމީ އެއްބަސްވުމެއް ނެތަސް ބައެއް ދާއިރާތަކުގައި އެއް ބަޔަކު އަނެއް ބައެއްގެ ކެންޑިޑޭޓަށް ތާއީދު ކުރާނެ ކަމަށް އޭރު އިޢުލާން ކުރިއެވެ.

އެ ފަހަރު ވެސް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސް ބޭފުޅުންނާއި އާންމުންގެ ފާޑުކިޔުން ޖޭޕީއަށް އަމާޒުވިއެވެ. އާންމުންނަށް ގޯސްވީ "ދެކޮޅުން ކާން އުޅުނީމައެވެ"

މި ފަހަރު ވެސް ޖޭޕީ މި ހިނގަނީ ހަމަ އެ މަގުންނެވެ. ކޯލިޝަންގައި އޮވެ، ކޯލިޝަންގެ އެހެން ބައިވެރިންގެ މޫނު މަތީ ކޮޅު ފައިން އަނެއްކާ ވެސް ޖެހީއެވެ. ސަބަބެއް ކަމަށް ބުނަނީ އެމްޑީޕީން މި ފަހަރުގެ އިންތިޚާބުގައި އެހެން ޕާޓީއެއްގެ ކެންޑީޑޭޓުންނަށް ތާޢީދު ނުކުރުމެވެ.

ދެން އުފެދޭ ސުވާލަކީ އެމްޑީޕީއަށް ގިނިކަންޏާ ވާ ނަމަ ޖެޕީއަށް ނުވާންވީ ކީއްވެތޯއެވެ؟ ޖޭޕީއަކީ ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ޕާޓީއެވެ. ބަޔަކަށް ބަރޯސާ ނުވެ ޖޭޕީއަށް ކެމްޕެއިން ކުރެވޭނެކަން މީގެ ކުރިން ވެސް ދައްކާފައި ވެއެވެ. ވީ އިރު މި ފަހަރު ވަކި ނުވާންވީ ސަބަބެއް ނެތެވެ.

ފަހަރުގައި މިކަމުގެ އަޑީގައި ފާޅުނުވެ އޮތް ބޮޑު ސިއްރެއް އޮވެދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް