ޅ. އަތޮޅުގެ ރަށްތަކަށް ކޯވިޑް-19 ފެތުރުނީ ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ ބަދަލު ހޯދަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
ޝިޔާމް ހުށަހެޅުއްވި މައްސަލައިގަ ބުނެފައިވަނީ އެ އަތޮޅަށް ކޯވިޑް ފެތުރުމުގައި ސަރުކާރުގެ އިހުމާލު ދެ ގޮތަކުން އެބަ އޮތް ކަމަށެވެ. އެއީ ސިނާއީ ރަށް ފެލިވަރުން ކޯވިޑްގެ ކޭސްްތަކެއް ފެނުމުން އެތަނުގެ މެނޭޖްމަންޓުް އެކަން ސިއްރު ކުރި ކަމުގެ ތުހުމަތާއި ހާއްސަ ހުއްދައިގެ ދަށުން މާލެ އިން ފެލިވަރަށް ދަތުރުކުރި ޓީމެއް އަތޮޅުގެ އެހެން ރަށްތަކަށް ދަތުރުކުރުމެވެ.
ޝިޔާމް ވިދާޅުވީ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޯވިޑް ކޭސްތައް ފެނި މޮނިޓަރިންއަށް ލާފައިވުމުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި ރަށްރަށަށް ބަލި ފެތުރުނީ އޭނާގެ މައްސަލައިގަ ފާހަގަ ކުރައްވާފައިވާ ދެ ކަމާއި ގުޅިގެން ކަމަށް ރައްޔިތުންވެސް ގަބޫލް ކުރާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ އެޗްޕީއޭއިން ކޯވިޑާއި ގުޅިގެން އެކުލަވާލާފައިވާ ގައިޑްލައިނަކީ ނައިިފަރު ފަދަ ތޮއްޖެހިފައިވާ އާބާދީއެއް އޮންނަ ރަށްރަށް އެކަށީގެންވާ ގައިޑްލައިނެއް ނޫން ކަމަށެވެ. ކޯވިޑާއި ގުޅިގެން ނައިފަރުގަ އަޅާފައިވާ ފިޔަވަޅުތަކަށް ފާޑު ވިދާޅުވަމުން ޝިޔާމް ވިދާޅުވީ ގިނަ އަދަދެއްގެ ގޮތަށް މޮނިޓަރިންއަށް ލައި އެތައް ބަޔަކު ގެތަކުން ނުނިކުމެ ތިބެން ޖެހުމުގެ ސަބަބުން މާލީ ގޮތުން ލިބެމުންދާ ގެއްލުމަކީ ސަރުކާރުގެ އިހުމާލުން ލިބެމުންދާ ގެއްލުން ކަމަށެވެ.
ޝިޔާމްގެ ކުއްލި މައްސަލައިގަ އިތުރަށް ބުނެފައިވަނީ ސަރުކާރުގެ އިހުމާލުން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށާއި ރައްްޔިތުންގެ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ މަޑުޖައްސައިދިނުމަށާއި ކަރަންޓު ބިލްތަކަށް ލުޔެއް ހަމަޖައްސައިދެއްވުމާއި ޅ. އަތޮޅުގެ ރަށްތަކަށް ކުރިމަތިވެފައިވާ މި ދަތި ހާލަތުން އަރައިގަތުމަށް ޓަކައި ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.
މި ހާލަތުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ޅ. އަތޮޅުގައި ހަމަޖެހިފައި ނެތުމުން އެކަމަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.
މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މާލެ ފިޔަވާ އެންމެ ކޯވިޑް ކޭސްތައް ގިނައީ ނައިފަރުގައި އެވެ. އެ ރަށުގައި ދެ ކްލަސްޓާއަކުން 186 އެކްޓިވް ކޭސް ހުރި އިރު ސިނާއީ ރަށް ފެލިވަރުގައި 392 ޕޮސިޓިވް ކޭސް އެބަ ހުއްޓެވެ.
ހިންނަވަރުގައި 38 ކޭސް ހުރި އިރު އޮޅުވެލިފުއްޓާއި ކުރެންދޫންވެސް ވަނީ ކޭސްތަކެއް ފެނިފަ އެވެ. މި ހުރިހާ ރަށެއްގައިވެސް ފެލިވަރާއި ގުޅުން ހުރި ޕޮސިޓިވް ކޭސްތައް އެބަ ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް