ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަވައްޓެރި ފުލުހުންގެ ހިދުމަތް އއ. އަތޮޅުގައި ފަށައިފިއެވެ.
އިއްޔެ އއ. މަތިވެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއަޒް އިމްރާން ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް އއ. އަތޮޅުގައި ފައްޓަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި، ފުލުހުންގެ އިސް އޮފިސަރުންނާއި، އއ. އަތޮޅު ކައުންސިލްގެ ރައީސް އާއި، އއ. މަތިވެރީ ކައުންސިލްގެ ރައީސް އާއި، ކައުންސިލް މެމްބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން މަތިވެރީގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި އަވަށްޓެރި ފުލުހުންގެ ހިދުމަތުގެ އެންމެ ބޮޑު އަސާސަކީ މުޖުތަމައު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުންކަމަށާއި މި ހިދުމަތުގެ ބޭނުމަކީ ފުލުހުންނާއެކުގައި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން އެކުގައި މަސައްކަތްކުރާނެ ނިޒާމެއް އެކުލެވިގެން ދިއުންކަމަށެވެ.
އަދި ކުށެއް ހިނގުމުގެ ކުރިން ނުވަތަ ކުށެއް ކުށަކަށް ވުމުގެ ކުރިން ކުށުގެ އަސްލު ދެނެގަނެ، އެނައްތާލުމަށްޓަކައި މަސައްކަތްކުރުމަކީ މިނިޒާމްގެ ބޭނުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިކުރެވޭ ދަތުރުގައި ކައުންސިލާއި، ސްކޫލާއި، ހެލްތް ސެންޓަރާއި، ރަށުގެ އެހެން މުއައްސަސާތަކާއި ފުލުހުން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިކަމާއި ސަލާމަތަކީ އެންމެން އެކުގައި ގުޅިގެން ކުރާކަމެއްކަން ކަށަވަރުވެގެންދާނެކަމަށެވެ.
އަދި ރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާ މިންވަރަކީ ރަށުގެ ފާގަތިކަމާއި، އިގްތިސާދަށްވެސް ލިބިގެންދާނެ ކުރިއެރުމެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ދާދިފަހުން އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތް އޮންނަންވީ ގޮތުގެ އަދި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލުކުރަންވީ ގޮތްތަކުގެ އަސާސީ ކަންތައްތައް ބަޔާންކޮށްފައިވާކަމަށާއި އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއްކަމަކީ ދިވެހި ފުލުހުންގެ ހިދުމަތް އިދާރީ ގޮތުން ލާމަރުކަޒީކޮށް، ކޮމިއުނިޓީ ޕޮލިސިންގ ފަލްސާގެ މައްޗަށް ބިނާކޮށްގެން ހިދުމަތް ފޯރުކޮށްދިނުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުހިންމު ކަނޑައެޅުންކަން ފާހަގަކުރެއްވިއެވެ.
އަދި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ހިދުމަތެއްގެ ގޮތުގައި ގާއިމުކޮށް ދަމަހައްޓައިދިނުމަށް ވަރަށް ގިނަ ރައްޔިތުން ފުލުހުންގެ ކިބައިން އެދިފައިވާކަން ފާގަކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އަވައްޓެރި ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭން ފެށުމުން އެ އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް، ގުޅިގެން، ދެމެހެއްޓެނިވިގޮތެއްގައި އެކުގައި މަސައްކަތްކުރެވޭނެ އިންތިޒާމުތަކެއް ތައާރަފު ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެނައުމަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ، މި ބަދަލީ ކަމެއް ދިމާވުމުން އެކަމަކަށް ފިޔަވަޅު އަޅަންތިވޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ، އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލު ހޯދުމަށްކުރާ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ބަދަލުކުރުންކަމަށް ވިދާޅުވިއެވެ
އަވައްޓެރި ފުލުހުންގެ ހިދުމަތް ދިނުމުގެ އޮނިގަނޑުގެ ތެރޭގައި ވަރަށް މުހިންމު ހަތަރުކަމެއް ހިމެނިފައިވާކަމަށާ އެއީ އަމާންކަން ގާއިމުކުރުމާއި އެކުގައި ގުޅިގެން ހިދުމަތް ދިނުމާއި އިތުރުބާރު ގާއިމުކުރުމާއި އިހުތިރާމާއެކު އަމަލުކުރުން އަދި މުއާމަލާތު ކުރުންކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.
އަދި މިއަަސާސްތަކާއެކު އަވައްޓެރި ފުލުހުންގެ ހިދުމަތުގެ އެންމެ މުހިންމު އަމާޒަކަށްވާނީ ކޮންމެ މުޖުމަތައެއްގައިވެސް ހުރި މައްސަލަތައް ފުރިހަމައަށް ދެނެގަނެވި، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްތަކެއް ކުރެވިގެން ދިިއުންކަމުގައިވެސް ވިދާޅުވިއެވެ.
ހަމައެއާއެކު މި ނިޒާމަށް ފުލުހުންގެ ހިދުމަތް ބައްޓަންވުމުން ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ތެރެއިން މިހާރަށްވުރެ ރަނގަޅު އަދި ފުރިހަމަ ނަތީޖާތަކެއް ނެރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިކަން ހާސިލުކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ފުލުހުންނަށް ލިބިގެންކަމަށާ މި ގާއިމުކުރެވޭ ހިދުމަތުން ރަނގަޅު ނަތީޖާތަކެއް ނެރުމަށް ފުލުހުންގެ މަސައްކަތްތައް އެގޮތަށް ބައްޓަންކޮށްގެންކަމަށްވެސް ވިދާޅުވިއެވެ.
އަވައްޓެރި ފުލުހުންގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު، ފުލުހުންގެ ފަރާތުން އއ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ އަތޮޅުގެ ކައުންސިލާ ކޮމިޝަނަރ އޮފް ޕޮލިސް ހަވާލުކުރެއްވިއެވެ.
އއ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ވަނީ އދ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށާފައެވެ. އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ލޯކަލް ޕޮލިސިންގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ހިދުމަތުގެ ތެރެއިން ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މި ދަތުރުފުޅުގައި، އއ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކާއި އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާވެސް ބައްދަލުކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް