ބޮލީވުޑްގެ މަޝްހޫރު ބަތަލް އަކްޝޭ ކުމާރު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އަކްޝޭ ކޯވިޑަށް ޕޮސިޓިވްކަން ރަސްމީ އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށް ހާމަ ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާ އާންމު ކުރި މެސެޖެއްގައި ބުނެފައިވަނީ މި ވަގުތު ހުރީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ހޯމް ކަރަންޓީނުގައި ކަމަށެވެ.
އޭނާ ބުނީ ކޯވިޑަށް ޕޮސިޓިވްކަން އެނގުމާއި އެކު ފިލްމީ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އެކަމަކު ބަލިން ރަނގަޅުވިހާ އަވަހަށް އެނބުރި މަސައްކަތްތަކަށް ނުކުންނާނެ ކަމަށް ބުންޏެވެ.
އަކްޝޭ ޕޮސިޓިވްކަން ހާމަކޮށް ހޯމް ކަރަންޓީންގައި ހުރި ކަމަށް ބުންޏަސް އޭނާ ފަހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެކަމަކު އަކްޝޭގެ ސިއްހީ ހަލަތާއި ގުޅޭގޮތުން އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
އަކްޝޭއަކީ ބޮލީވުޑްގައި މިހާރު އެންމެ ބިޒީ ބަތަލުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އާދިއްތަ ދުވަހު ކޯވިޑް ޖެހުން އިރު މިދިޔަ ހަފްތާގައި އަކްޝޭ ވަނީ "ރާމް ސެތޫ" ގެ ޝޫޓިންވެސް ފަށާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަކްޝޭ ޕޮސިޓިވްވުމާއި ގުޅިގެން އެ ފިލްމުގެ ސެޓުގައި މަސައްކަތް ކުރި އެންމެ ކޯވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް އެ ފިލްމުގެ ސެޓުން އަކްޝޭއާއި ޑައިރެކްޓު ކޮންޓެކްޓުވެފައިވާ 45 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ކުރިން ތާވަލް ކުރެވިފައިވާ ގޮތުން މިމަހުގެ 30 ވަނަ ދުވަހު އަކްޝޭގެ ފިލްމެއް ރިލީޒް ކުރާނެ އެވެ. އެކަމަކު އިންޑިއާގައި ކޯވިޑް ކޭސްތައް އިތުރުވުމާއި އެކު އެ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އަކްޝޭ ލީޑްރޯލް ކުޅޭ ފިލްމު "ސޫރިޔަވަންޝީ" ރިލީޒް ކުރުން ފަސް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އެކަމަކު އެކަން އަދި ޕްރޮޑަކްޝަން ޓީމުން ހާމައެއް ނުކުރެ އެވެ.
މި ފިލްމުގެ އިތުރުން މިއަހަރު އަކްޝޭގެ އިތުރު ތިން ފިލްމެއް ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ "ބެލް ބޮޓަމް" އާއި "އަތުރަންގީ ރޭ" އަދި "ޕްރިތުވީރާޖް" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް