ރަށްރަށުގައި ކޯވިޑް ފެތުރުމުގައި ރައްޔިތުންގެ އިހުމާލު!

ކޯވިޑް-19 މިހާރު މާލެއަށްވުރެ ހަލުވިކަމާއި އެކު ފެތުރެމުން ދަނީ އަތޮޅު ތެރޭގެ މީހުން ދިއިރުޅޭ ރަށްރަށުގައި އެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން އެންމެ ގިނަ އެކްޓިވް ކޭސް އަތޮޅު ތެރެއިން ފެނިފައިވަ...

05 Apr 2021 | 05:43

ކޯވިޑް-19 މިހާރު މާލެއަށްވުރެ ހަލުވިކަމާއި އެކު ފެތުރެމުން ދަނީ އަތޮޅު ތެރޭގެ މީހުން ދިއިރުޅޭ ރަށްރަށުގައި އެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން އެންމެ ގިނަ އެކްޓިވް ކޭސް އަތޮޅު ތެރެއިން ފެނިފައިވަނީ މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެވެ. މިވަގުތު މީހުން ދިރިއުޅޭ ރަށްތަކާއި ޅ. ފެލިވަރުގައި 900 އަށްވުރެ ގިނަ އެކްޓިވް ކޭސް އެބަ ހުއްޓެވެ.

އެންމެ ގިނަ ބަޔަކު ޕޮސިޓިވް ވަމުން ދަނީ ޅ. އަތޮޅުގެ ހުރިހާ ރަށަކުންހެން ކޮންމެ ދުވަހަކު މީހުން ވަޒީފާއަށް ދާ ސަރުކާރުގެ މަސް ބަންދުކުރާ ފެކްޓްރީ ހިންގާ ފެލިވަރުންނެވެ. ފެލިވަރުން އިއްޔެގެ ނިޔަލަށް 392 ކޭސް ފެނިފައިވެ އެވެ.

ފެލިވަރުގެ ކޭސްތަކާއި ގުޅިގެން އެ ރަށް މޮނިޓަރިންއަށްލައި ކޮންޓެކްޓް ޓްރޭސިން ހަދައި ހުރިހާ މުވައްޒަފުންހެން ދަނީ ކޯވިޑަށް ޓެސްޓު ކުރަމުންނެވެ. ފެލިވަރު ކޭސްތަކާއި ގުޅުން ހުރި މީހުން މިހާތަނަށް ޕޮސިޓިވްވި ރަށްތަކުގެ ތެރޭގައި، އެ އަތޮޅު ނައިފަރު، ހިންނަވަރު، އޮޅުވެލިފުށި އަދި ކުރެންދޫ އާއި ނ. ހޮޅުދޫގެ އިތުރުން ކ. ދިއްފުށި ހިމެނެ އެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާގޮތުގައި އަދި އެ ރަށުގެ ބައެއް މުވައްޒަފުންގެ ފަރާތުން އެނގިފައިވާގޮތުގައި ފެލިވަރުގައި ކޯވިޑް ފެތުރެމުންދާކަން ހާމަވުމުގެ ކުރިން ބަލީގެ އަލާމާތްތަކާއި އެކު މުވައްޒަފުން މަސައްކަތަށް ނުކުމެފައިވެ އެވެ. އަދި އެކަން އޮތީ ސިއްރު ކުރެވިފައި އެވެ.

އަތޮޅު ތެރޭގައި ބަލި ފެތުރިފައިވާ އެހެން ރަށްރަށުގެ ހާލަތަކީވެސް މިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ އަތޮޅުތަކުގައި ކޯވިޑް ކޮންޓްރޯލް ކުރުމާއި ބެހޭ ޔުނިޓުގެ ފަރާތުން ވާހަކަ ދައްކަވަމުން އަބްދުﷲ މައުރޫފު ވިދާޅުވީ ކޮންމެ ރަށެއްގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް މައުލޫމާތު ފެތުރުމާއި ފިޔަވަޅުތައް އެޅުމަށް ޓާސްކް ފޯސްތަކުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުއްލިއަކަށް ރަށުގައި ބަލި ފެތުރިފައިވާކަން އެނގި ގިނަ ބަޔަކު ޕޮސިޓިވްވާތަން ފެންނަމުން ދަނީ ދުރާލާ ބަލި ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުލިބޭތީ ކަމަށެވެ. އޭނާ ވިދާޅުވީ ރަށުގައި ބަލި ފެތުރޭތޯ ބަލަން ރެންޑަމް ސާމްޕަލް ނަގަން ގިނަ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.

މައުރޫފް ވިދާޅުވީ ރަށުގައި ރޯގާއެއް ފެތުރި ގިނަ ބަޔަކު އަލާމާތްތަކާއި އެކު ޑޮކްޓަރަށް ދެއްކުމުން ކޯވިޑަށް ޕޮސިޓިވްވާކަން އެނގުމުން ނޫނީ ކޯވިޑަށް ޓެސްޓު ކުރުމަށް އާންމުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ރަށްރަށް މިހާރު ކޯވިޑް ފެތުރެމުންދާ ރަށްރަށުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ އާބާދީ ބޮޑެތި ރަށްރަށް އަދި ރީޖަނަލް ހޮސްޕިޓަލްތައް ހުންނަ ރަށްރަށުގައި ބަލި ފެތުރުމުގައިވެސް އެޗްޕީއޭއިން އަމަލު ކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިނަށް އެ ރަށްރަށަށް ދާ މީހުންނާއި އެ ރަށްރަށުގައި ދިރިއުޅޭ މީހުން އަމަލު ނުކުރުން ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

މިހާރު ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ތިން ރަށަކީ ފެލިވަރުގެ އިތުރުން ނައިފަރާއި ކ. ހުރާގައި އެވެ. ނައިފަރުގައި ޕޮސިޓިވްވި މީހުންގެ އަދަދު 186 އަށް އަރާފައިވާއިރު ހުރާގައި 138 އަށް ވަނީ އަރާފައި އެވެ.

މީގެ އިތުރުން ޕޮސިޓިވް ކޭސްތައް އިތުރުވަމުންދާ ރަށްތަކުގެ ގޮތުގައި ދިއްފުއްޓާއި ހިންނަވަރު ވަނީ ފާހަގަ ކުރެވިފައި އެވެ. ދިއްފުށިން މިހާތަނަށް 105 މީހުން ޕޮސިޓިވްވެފައިވާއިރު ހިންނަވަރުން 38 މީހުން ވަނީ ޕޮސިޓިވްވެފައި އެވެ.

މިރަށްތަކުގެ ތެރެއިން ހުރާ އާއި ނައިފަރުގައި ވަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި އެވެ. އެގޮތުން ދެ ރަށުގެ ސްކޫލްތަކުގައި ކިޔަވައިދިނުން މަނާކޮށް، ކެފޭ ރެސްޓޯރެންޓުތަކުގައި ހިދުމަތް ދިނުން ހުއްޓާލަން ވަނީ އަންގާފައި އެވެ.

ޒަރޫރީ ބޭނުންމެގައި ނޫނީ ގެއިން ބޭރަށް ނުކުތުން ހުރާ އާއި ނައިފަރުގަ މަނާކޮށްފައިވާއިރު އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް މަނަލެވެ. ހަފްލާތަކާއި ޖަލްސާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށް ކުޅިވަރު މުބާރާތްތަކާއި ކަސްރަތު މުބާރާތްތައް ހުއްޓާލުމަށް އެޗްޕީއޭއިން އަންގާފައިވެ އެވެ.

ދެރަށުގައި މި ފިޔަވަޅުތައް އަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް