ފައިޒާ ވެކްސިން ޖަހާނީ ބޮޑެތި ބަލިތައް ހުރި 16 އަހަރުން މަތީގެ ކުދިންނަށް

އުމުރުން 16 އަހަރުން މަތީގެ ކުދިންގެ ތެރެއިން ރާއްޖޭގައި ފައިޒާ ވެކްސިން ޖަހާނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ކުދިންނަށް ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ...

05 Apr 2021 | 04:39

އުމުރުން 16 އަހަރުން މަތީގެ ކުދިންގެ ތެރެއިން ރާއްޖޭގައި ފައިޒާ ވެކްސިން ޖަހާނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ކުދިންނަށް ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

ފައިޒާ ވެކްސިން ތައްޔާރުކޮށްފައިވަނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ދެވޭ ގޮތަށެވެ. ރާއްޖޭގައި ވެސް 16 އަހަރާއި 17 އަހަރުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ވަނީ ނިންމާފައި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ 16 އަހަރާއިި 17 އަހަރުގެ ކުދިންނަށް ވެކްސިން ދޭން ނިންމި ނަމަވެސް ރާއްޖެއަށް ލިބިފައިވާ ފައިޒާ ވެކްސިންގެ ޑޯޒުގެ އަދަދަށް ބަލައި އެ އުމުރުފުރާގެ ކުދިންނަށް އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދެވެން ނެތް ކަމަށެވެ. އެހެންވެ ފައިޒާ ވެކްސިން ދޭނީ 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ކުދިންނަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެބަލިތަކުގެ ގޮތުގައި ހިމެނެނީ ގުނަވަންތައް ބަދަލު ކޮށްފައިވާ ކުދިންނާއި، ޑަޔަލަސިސް ގަވައިދުން ހަދާ ކުދިން، ކެންސަރު ބަލި ޖެހިފައިވާ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީ ފަރުވާ ހޯދާ ކުދިންނެވެ. އަދި ދިފާއީ ނިޒާމު ދެރަކުރާފަދަ ބޭސް ބޭނުން ކުރާ 16 އަހަރާއި 17 އަހަރުގެ ކުދިންނެވެ.

އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިންވެސް ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މި ކެޓަގަރީތަކަށް ފެތޭ މީހުންނަށެވެ.

އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ ރާއްޖޭގައި ދޭނީ މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތަކުގައި އެކަނި ކަމަށެވެ. ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް 5،500 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފައިވެ އެވެ.

މި ވެކްސިން ޖެހުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު އެޗްޕީއޭއިން ވަނީ ހުޅުވާލާފައި އެވެ. ފައިޒާ ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓްރީވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެންނެވެ.

ވެކްސިން ދޭން ހަމަޖައްސާފައި ވަނީ ރާއްޖެއަށް ލިބިފައިވާ ފައިޒަ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ނެވެ. އަދި މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް