ވަކި ދުވަސްތަކެއްގައި ބޭންކުތައް ހުޅުވިޔަސް، ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭންކަށް ނުދިއުމަށާއި އިންޓަނެޓް ބޭންކިން އާއި އޭޓީއެމްތަކުން ލިބޭ ޚިދުމަތްތައް ބޭނުން ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިންޓަނެޓް ބޭންކިން އާއި އޭޓީއެމްތަކުން ވެސް ލިބޭ ޚިދުމަތްތައް ހޯދުމަށް ބައެއް މީހުން ބޭންކްތަކަށް ދާ ކަން ފާހަގަކުރެވޭ ކަމަށާއި ގިނަ ބަޔަކު އެއްފަހަރާ ޚިދުމަތް ހޯދަން ދިއުމުގެ ސަބަބުން ކިއުތައް ދިގުވެ، ޚިދުމަތް ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވާ ކަމަށެވެ. އެހެންވެ، ކޮންމެހެން ބޭންކަށް ދާން ޖެހިގެން ނޫނީ ނުދިއުމަށާއި އިންޓަނެޓް ބޭންކިން އާއި އޭޓީއެމްތަކުން ލިބޭ ޚިދުމަތްތައް ބޭނުން ކުރަން އިލްތިމާސް ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ބޭންކުން ބުނިގޮތުގައި، އެ ބޭންކުގެ އޭޓީއެމް މެދުވެރިކޮށް ފައިސާ އާއި ޗެކްތައް ޖަމާ ކުރެވޭނެ އެވެ. ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ އިތުރުން ބިލްތަކަށް ފައިސާ ދެއްކުމާއި ކްރެޑިޓް ކާޑާއި ލޯނަށް ވެސް އޭޓީއެމް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް ބުނެ އެވެ. އަދި ގޭގައި ތިބެގެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ އިތުރުން ލުއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
މި ހަފުތާގައި ބޭންކުތައް ހުޅުވާނީ މާދަމާ އާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް