ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ސަރުކާރުން ހުށަހަޅާ ހާއްސަ ބިލު މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ގެ ނަމުގައި ހުށަހަޅާ މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވަނީ ޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. މާދަމާގެ މަޖިލީހަށް އެޖެންޑާ ކޮށްފައިވާ ބިލުގައި ބުނެފައިވާގޮތުން ކައުންސިލް އިންތިހާބު ބާއްވާނީ އަންނަ އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހު އެވެ.
އިންތިހާބުގައި ވާދަކުރެވޭނީ މިހާރުވެސް ކުރިމަތިލާފައިވާ ފަރާތްތަކަށް ކަމަށް ބިލުގައި ވެއެވެ. މި ބިލުގައި ބުނެފައިވާގޮތުން އިންތިހާބު ނިމުމާއި އެކު މި ގާނޫނު އުވިގެންދާނެ އެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އިއުލާނު ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ އެ އިންތިހާބު މިމަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އެއީ ގާނޫނުގައި އިންތިހާބު ފަސް ކުރެވޭނެ ކަމަށް ބުނެފައިވާ އެންމެ ފަހުގެ ތާރީހެވެ.
އެކަމަކު ގުދުރަތީ މި ކާރިސާ އާއި ގުޅިގެން އިންތިހާބު މި އަހަރު ބޭއްވޭނެ ކަމަށް ލަފާ ނުކުރެވޭތީ މަޖިލީހުން އިލެކްޝަންސްއަށް ލަފާ ދިނީ އިންތިހާބު ފަސް ކުރުމުގެ ކަންކަން ހަމަޖެއްސުމަށް އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށެވެ. އެހެންވެ އީސީން ވަނީ ސުޕްރީމް ކޯޓަށް އިންތިހާޞު ބާއްވާނެ ތާރީހެއް ކަނޑައަޅައި ދިނުމަށް ހުށަހެޅި މައްސަލަ ނަގާ މަޖިލީހަށް ހުށަހަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް