ހުޅުމާލެއާއި ގުޅުވާފައިވާ ފަރުކޮޅުފުށީގައި ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީން ފެސިލިޓީ ހަދަން5.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ފުރަތަމަ ޕޮސިޓިވްވި މީހުންނަށް ފަރުވާ ދިނުމަށް އެ ރަށް ބޭނުން ކުރުމަށް ފަހު މަރާމާތައް ވަނީ ބަންދުކޮށްފައި އެވެ. މިހާރު އެ މަރާމާތުގެ މަސައްކަތް ނިންމާ ބޭނުން ކުރަން ތައްޔާރުވެފައިވާއިރު ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީއަކީ52 އެނދުގެ ހޮސްޕިޓަލެކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފަރުކޮޅުފުށި ތަރައްގީކުރީ ދެ ފިޔަވިއްސަކަށް ބަހާލައިގެން ކަމަށެވެ. ވަސީލަތްތަކާ އެކު އެ ދެ ފިޔަވައްސަށް 5.9 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ކުރިން30 އެނދު ހުރި މި ފެސިލިޓީގެ ޖާގަ ވަނީ50 އެނދަށް އިތުރުކޮށްފައި އެވެ. އަދި އެނދުތައް ބަހައްޓާފައި ވަނީ ހަތަރު ވޯޑަކަށް ބަހާލައިގެންނެވެ. މީގެ އިތުރުން އައިސީޔޫގެ ގޮތުގައި ބޭނުން ކުރަން ދެ އެނދާއި ވެންޓިލޭޓަރެއް އެތަނުގައި އެބަ ހުއްޓެވެ.
އަދި ކުރިން ހާމައަށް ހުރި ތަން ބައްދައި މުޅި ތަންވަނީ އޭސީ ކޮށްފައި އެވެ. އަދި ވޯޑުތަކުގައި ޓީވީ ބަހައްޓާފައި ހުރެ އެވެ.
އަލުން ބޭނުން ކުރަން ފެށުމުންވެސް އެތަނުގައި ފަރުވާދޭނީ ބައްޔަށް ޕޮސިޓިވްވާ މީހުންގެ ތެރެއިން ހާލަތު ރަނގަޅު މީހުންނަށެވެ. އެއީ ހާލު ސީރިއަސް ވެއްޖެ ނަމަ ވަގުތުން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިއުމަށް ފަސޭހަވާނެތީ އެވެ. ޓްރިޓޮޕް ހޮސްޕިޓަލަކީވެސް ސީރިއަސް ވާ މީހުންނަށް ފަރުވާ ދިނުމަށް ތައްޔާރީ ހާލަތުގައި ހުރި ހޮސްޕިޓަލެކެވެ.
ތަން އަލުން ހުޅުވާ އިރު ކޮންމެ ވޯޑެއްގައި އަންހެނުންނަށް އަދި ފިރިހެނުންނަށް ހާއްސަ ފާހާނާއެއް ހުރެ އެވެ. އަދި މަދިރި އުފެދޭކަމަށް ބެލެވޭ ސްވިމިން ޕޫލްގެ ފެންގަނޑު ހުސްކޮށް ކްލޮރިން އަޅައި ވަނީ ސާފުކޮށްފައި އެވެ.
ފަރުކޮޅުފުށި މަރާމާތުކުރުމުގައި އަމަލީގޮތުން އުޅުނީ ސިފައިންނެވެ. މީގެ އިތުރުން ސަރުކާޜުގެ ކުންފުނިތަކުގެ މުވައްޒަފުން އަމަލީގޮތުން މަސައްކަތުގައި ބައިވެރިވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް