ގައުމީ ޝިޕިން ކުންފުނީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފުރަތަމަ ބޯޓާއެކު ޤައުމީ ޝިޕިން ކުންފުނީގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ. "އެމްވީ އައިބީރިއަން އެކްސްޕްރެސް" ގެ ނަން ދީފައިވާ އެ ކުންފުނީގެ ފުރަތަމަ ބޯޓު މިއަދު ރާއްޖެ އ...

05 Apr 2020 | 11:08

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފުރަތަމަ ބޯޓާއެކު ޤައުމީ ޝިޕިން ކުންފުނީގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

"އެމްވީ އައިބީރިއަން އެކްސްޕްރެސް" ގެ ނަން ދީފައިވާ އެ ކުންފުނީގެ ފުރަތަމަ ބޯޓު މިއަދު ރާއްޖެ އައިސްފައިވާއިރު އެމްޕީއެލްއިން ވަނީ ބޯޓަށް ވޯޓާ ސެލިއުޓެއް އަރުވާފައި އެވެ. މި ބޯޓުން މިއަދު ރާއްޖެ ގެނެސްފައިވަނީ ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތަކެވެ.

މިބޯޓު ރާއްޖެއަށް ބަނދަރު ކުރުމާއި އެކު މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މާލޭ ވިޔަފާރި ބަނދަރުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު (ކޮށީގެ ސައީދު) އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއާއި އެމްޕީއެލް އާއި ކަސްޓަމްސްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއެސްއެސް އަކީ މިދިޔަ މަހު އުފެއްދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެމްއެސްއެސްގައި އޮންނަނީ އެސްޓިއޯގެ 99.99 ހިއްސާ އާއި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސްގެ 0.01 ޕަސެންޓު ހިއްސާ އެވެ.

މި ބޯޓުގައި އެއްފަހަރާ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލެ އެވެ. އެމްއެސްއެސް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ދިވެހި ކުންފުންޏެއް މެދުވެރިކޮށް ގެނެވޭނެ މަގު ފަހިކޮށް ދިނުމެވެ.

އެމްއެސްއެސްގެ ފުރަތަމަ ބޯޓު ބަނދަރު ކޮށްފައިވާއިރު މި އަހަރުގެ ތެރޭގައި އިތުރު ބޯޓުތައް ވެސް ރާއްޖެ އަށް ގެނައުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ބޯޓުތައް އޮޕަރޭޓު ކުރަމުންދާނީ އެމްޕީއެލް އާއި އެމްއެސްއެސް އަދި އެސްޓީއޯ ގުޅިގެންނެވެ.

މިއީ ރާއްޖޭގައި ދައުލަތުގެ ޝިޕިން ކުންފުންޏެއް އުފެއްދި ދެވަނަ ފަހަރެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ފުރަތަމަ އުފެއްދި ޝިޕިން ކުންފުނި ބަނގުރޫޓުވީ ޒަމާނަށް އައި ބަދަލާއި އެއްވަރަށްް ކުންފުނީގެ ބޯޓުތަކަށް ބަދަލު ނުގެނިގެން ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް