ރައީސް ސޯލިހު ނެންގެވި މިސާލުން ދިވެހިން ތައްޔާރުވާންވީ ވަގުތު ޖެހިއްޖެ!

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ މަހުގެ25 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދުރާލާ ބައްޔަށް ތައްޔާރުވި ކަމަށް ދުނިޔޭގައި އެނ...

05 Apr 2020 | 03:34

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ މަހުގެ25 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދުރާލާ ބައްޔަށް ތައްޔާރުވި ކަމަށް ދުނިޔޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ޖަޕާން ހިމެނޭ ކަމަށެވެ.

އެއީ ގައުމުން ބޭރުން ބަލި ޖަޕާނަށް ނުވަތަ ރާއްޖެ ގެންދިޔަ މީހުންގެ ފަރާތުން ބަލި ފެތުރުން ކޮންޓްރޯލް ކޮށްފައިވާތީ އެވެ. ޖަޕާނުގައި ބައެއް މީހުންގެ ގައިން ބަލިފެތުރިފައި އެބަހުއްޓެވެ. އެކަމަކު ކޮންޓްރޯލު ނުވާ ހިސާބަކަށް ނުދެ އެވެ. ޖަޕާނާއި ރާއްޖެއަކީ ބަލި ގައުމަށް އައުމުގެ ކުރިން ރައްކާތެރިކަމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ދެ ގައުމެވެ.

ރައީސް ސޯލިހު އެދުވަހު ދެން ވިދާޅުވި ވަރަށް މުހިންމު ވާހަކަފުޅެއްވެ އެވެ. ރާއްޖޭގައި ބަލި ފެތުރިއްޖެ ނަމަ ކޮންޓްރޯލް ކުރަން އެންމެ އުނދަގޫވާނީ މާލޭގައި އެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާ ދިރިއުޅެން ޖެހިފައިވާ ގޮތުން ކޯވިޑް-19 ފަދަ ބައްޔެއްގެ އެންމެ ކޭސްއެއް ފެނުނަސް މާލޭގައި ބަލި ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް އެދުވަހު ރައީސް ވިދާޅުވި އެވެ.

ޖަޕާނުގައިވެސް ބަލި އޮތީ ރާއްޖޭގައި މި އޮތް ގޮތަށް ކޮންޓްރޯލް ކުރެވިފައި އެވެ. މިހާތަނަށް އެ ގައުމުން2900 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮސިޓިވްވިޔަސް އޭގެ ތެރޭގައި ގިނައީ ބިދޭސީންނާއި ގައުމުން ބޭރުން ގޮސްފައި ތިބި ޖަޕާނު މީހުންނެވެ. ޖަޕާނުގެ އާބާދީއަށް ބަލާއިރު އެއީ މަދު އަދަދެކެވެ.

ޖަޕާނުން ބަލި ފެނުންތާ ކުރީކޮޅު ކުރި އެންމެ ފާހަގަ ކުރެވޭ ކަމަކީ3،000 އަށްވުރެ ގިނަ މީހުން ތިބި ކްރޫޒްލައިނާއެއްގައި ތިބި އެންމެން ބައްޔަށް ޓެސްޓު ކުރުމެވެ.

ޖަޕާނުން ކޯވިޑް-19 ގެ ފުރަތަމަ ކޭސް ފެނުނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި އެވެ. އެއީ ޗައިނާއިން ދިޔަ ޖަޕާން މީހެއްގެ ގައިންނެވެ. މިދިޔަ ދިހަވަރަކަށް ދުވަހާއި ހަމައަށް އާންމުންގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް އެ މަންޒަރު ބަދަލުވާން ފަށާފައިވާ ކަން އެ ގައުމުގެ ބައެއް ސިޓީތަކުގެ ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެކަމަކު މައި ސަރުކާރުން ބުނަމުން ދަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައްވުރެ އިތުރަށް ފިޔަވަޅުތައް ވަރުގަދަކޮށް ގައުމު ބަންދު ކުރުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށެވެ. އެއީ އެމެރިކާ ފަދަ ގައުމުތަކުގައި ބަލި ފެތުރެންފަށާފައިވާ މިންވަރަށް ނުފެތުރޭތީ ކަމަށް ބުނެ އެވެ.

ޖަޕާނު ސަރުކާރުން އެމެރިކާ މިސާލަކަށް ނަގާތީ އެގައުމުގެ ރައްޔިތުންނާއި ސިޓީތަކުގެ ވެރިން ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެއީ އެމެރިކާގައި އެއްދުވަހާ އެތައް ހާސް ބަޔަކަށް މިހާރު ބަލިޖެހެމުންދާއިރު އެފަދަ ހާލަތަކަށް ދިއުމުން ގައުމަށް ވެގެންދާގޮތް ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއިން ފެންނަމުންދާތީ އެވެ.

ދިވެހިންނަށް ރައީސް ސޯލިހު މިސާލެއްގެ ގޮތުގައި ދައްކައިދިން ޖަޕާނަކީ ސިއްހީ ގޮތުންނާއި ފަންނީ ގޮތުން ކުރި އަރާފައިވާ ގައުމެކެވެ. އެގައުމު މި ބަލީގައި ފާލުން ނައްޓާލަފާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު ދިވެހިން އަދިވެސް ބައްޔަށް ދޭ ސަމާލުކަން ކުޑަކަމުން ހައިރާންވާން ޖެހެ އެވެ.

ކޯވިޑް-19 އަށް ދުރާލާ ތައްޔާރުވި ޖަޕާނުގައި ބަލި ފެތުރުމުގެ ބިރު ބޮޑުވާން ފަށާފައި މިވަނީ ކޮންޓްރޯލް ކޮށްފައި އޮންނަތާ ދެ މަސް ފަހުންނެވެ. މިއީ ދިވެހިން ވިސްނާލަން ޖެހޭ މުހިންމު ޕޮއިންޓެކެވެ.

ދެ ގައުމުން މިހާރު ފެންނަމުން ދާ މަންޒަރަކީ ޖަޕާނު ރައްޔިތުން ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެ ގައުމުގެ ސަރުކާރަށް ގޮވާލާ އާދޭސް ކުރަމުންދާތަނެވެ. އޭގެ ދިމާ އިދިކޮޅެވެ. މި ގައުމުން ފެންނަނީ ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ތަބާވެ އަމަލު ކުރުމަށް ރައްޔިތުންގެ ކިބައިން ސަރުކާރުން އާދޭސް ކުރަމުންދާ ތަނެވެ.

ރައީސް ސޯލިހު އެދުވަހު ވިދާޅުވި ފަދައިން ދިވެހި ސަރުކާރުން ގެންދަނީ ބަލި މުޖުތަމައުގައި ފެތުރުނަ ނުދިނުމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅުތައް ދިރާލާ އަޅަމުންނެވެ. އެކަންކަމަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މުޅި ގައުމު ބަންދު ކުރަން ޖެހޭ ހާލަތަކަށް ނުދަނީސް އެކަމަށް އާންމު އަހުލުވެރި ކުރުވަން ކުޑަވަގުތުކޮޅަކަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ވަނީ ފަށާފަ އެވެ. އެކަމަކު މިކަންކަމަށް ރައްޔިތުންގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ނުލިބެ އެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން މި ބައްޔަށް ދޭ ސަމާލު ކަން ކުޑައެވެ.

ރާއްޖޭގައި ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަން ފެށީ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ. ފިޔަވަޅުތަކެއް ދުރާލާ އަޅަން ފެށިޔަސް ކޯވިޑް-19 ފެތުރިއްޖެ ނަމަ ވަސީލަތްތަކާއި ފަންނީ މީހުން މަދުވާތަން މިދަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ފެންނަމުންނެވެ. އެހެން ކަމުން ރާއްޖޭގައި ބަލި ފެތުރިގެންދާނެ ވަގުތަކަށް ނުވަތަ ހާލަތެއްގައި ފެންނާނެ މަންޒަރުތަކާއި މެދު އާންމު ރައްޔިތުން ވިސްނާލަން ޖެހެ އެވެ.

ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރަކީ މިހާރު ދިވެހިންނަށް އޮޅޭ ކަމެއް ނޫނެވެ. މި ބަލި ފެތުރޭ ގޮތްކަމަށް ފުރަތަމަ ދެކެވުނު ގޮތް ބަދަލު މިހާރު އެއްވެސް އަލާމާތެއް ނެތި ބަލި ފެތުރެމުންދާ ކަންވެސް ވަނީ ހާމަވެފަ އެވެ.

އާދޭހާއި އެކު ރައްޔިތުންގެ ކިބައިން ސިއްހީ މާހިރުން އެދެމުންދަނީ ރައްކާތެރިކަމުގެެ ފިިޔަވަޅެއްގެ ގޮތުން ގޭގައި ތިއްބެވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް