ޖަޕާނުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލުން ނެއްޓުމާއި ދިމާލަށް!

ޖަޕާން ފާގަވެގެން ގޮސްފައިވަނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ގައުމެއްގެ ގޮތުގައި އެވެ. އެކަމަކު އެކަން ބަދަލުވާން ފަށާފައިވާ ކަމަށް މީޑި...

05 Apr 2020 | 02:54

ޖަޕާން ފާގަވެގެން ގޮސްފައިވަނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ގައުމެއްގެ ގޮތުގައި އެވެ.

އެކަމަކު އެކަން ބަދަލުވާން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފި އެވެ. އަދަދުތަކަށް ބަދަލު އައިސް ޕޮސިޓިވްވާ މީހުންގެ އަދަދު ޖަޕާންގައި ކުއްލިޔަކަށް އިތުރުވާން ފަށާފައިވަނީ މިދިޔަ10 ވަރަކަށް ދުވެހުގެ ތެރޭގައި ކަމަށް ވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ ވަނީ ފުރަތަމަ ފަހަރަށް އެއް ދުވަހާ100 އަށް ވުރެ ގިނަ މީހުން އެ ގައުމުގައި ކޯވިޑް-19 އަށް ޕޮސިޓިވްވެފައި އެވެ. އެގޮތުން ހަމައެކަނި ވެރިރަށް ޓޯކިޔޯއިން118 މީހަކު ވައިރަހަށް ޕޮސިޓިވްވެފައިވެ އެވެ. އެ ސިޓީގައި އަދި ތިބީ ކޯވިޑް-19 އަށް ޕޮސިޓީވްވެފައި ތިބި891 މީހެކެވެ.

އެހެންވެ ޖަޕާންގެ މައި ސަރުކާރުން ވަނީ ޓޯކިޔޯގައި އާންމުން ގޭގައި މަޑު ކުރުމަށް އިލްތިމާސްކޮށްފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި މިއީ އެގައުމުގައި ކޯވިޑް-19 ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ އަލާމާތެކެވެ.

ޖަޕާނުން މިހާތަނަށް ވައިރަހަށް2،935 މީހުން ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލީގައި69 މީހަކު މަރުވެއްޖެ އެވެ.

އެގައުމުގައި އާންމުންގެ ތެރޭގައި ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހޭ ފަދަ ހާލަތަކަށް ނުދާ ކަމަށް ޖަޕާން ސަރުކާރުން ދަނީ ބުނަމުންނެވެ.

އެގައުމުން ޕޮސިޓިވްވެފައިވާ ގިނަ މީހުންނަކީ ބޭރު ގައުމުތަކުން އަނބުރާ ގޮސްފައި ތިބި ޖަޕާނު މީހުންނާއި އެހެން ގައުމުތަކުގެ މީހުންނެވެ. ޖަޕާނުން ވަނީ ވައިރަސްގެ އެންމެ ކޭސްއެއް ފެނުނު ޑައިމަންޑް ޕްރިންސެސް ކިޔާ ކްރޫޒްލައިނާއެއްގައި ތިބި3،000 އަށްވުރެ ގިނަ މީހުން ބައްޔަށް ޓެސްޓު ކޮށްފައި އެވެ.

އެ ގައުމުން އެންމެ ފުރަތަމަ ކޯވިޑް-19 ފެނިފައިވަނީ ޗައިނާއިން ގެންދިޔަ ޖަޕާން މީހުންނާއި މި ކްރޫޒް ލައިނާގައި ތިބި މީހުންގެ ގައިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް